ރައީސް ނަޝިދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހުފޫޒު ސައީދުގެ ބޮލަށް ވަޅިހެރި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް އެކަންކުރި ބަޔަކު ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް ހައްގު އަދަބު ދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑީޕީން މިކަމަށް ގޮވާލީ މަހުފޫޒަށް ދިން ހަމަލާ ކުށްވެރިކޮށް އެ ޕާޓީން ދެންމެ ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛު މަޙުފޫޒު ސަޢީދުގެ ބޮލަށް ވަޅި ހަރާ، މަރުގެ ޙަމަލާއެއް ދީ އޭނާ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައިވާތީ އެކަން މި ޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"މަހުފޫޒު ސަޢީދަށް މިއަދު ދިން މަރުގެ ޙަމަލާ ދީފައި އެވަނީ އޭނަ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނެވުމުގެ އިތުރުން، އެންމެ ފަހުން ބޭއްވި އެމް.ޑީ.ޕީ ގެ ޖަލްސާގައި ވާހަކަ ދައްކަވާފައިވަނިކޮށް، އަދި އިސްލާމީ މަރުކަޒުގައި ހުކުރަށްފަހު ރައީސް ނަޝީދުގެ މައްޗަށް ދުޢާކުރުމުގެ މައްސަލާގައި މިއަދު ފުލުސް އޮފީހަށް ޙާޟިރުކުރެވުނު ފަރާތުގެ ޤާނޫނީ ވަކީލުގެ ގޮތުގައި ފުލުސް އޮފީހަށްވެސް ވަޑައިގެންފައިވަނިކޮށް" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އުސްތާޛު މަޙުފޫޒު ސަޢީދަށް މިއަދު ދިން މަރުގެ ޙަމަލާ އަކީ ބަޔަކު ކުރިން ރާވައިގެން ދީފައިވާ ޙަމަލާއެއްކަމަށް އެމްޑީޕީން ދެކޭ ކަމަށާއި މިފަދަ ނުރައްކާތެރި މަރުގެ ޙަމަލާތައް ރޯމާދުވާލު އެންމެންގެ ކުރިމަތީގައި ޖެހިލުމެއްނެތި ދެމުންދާ ސަބަބަކީ އެ ޖަރީމާތައް ހިންގާ މީހުން ހޯދައި، ޝަރީޢަތުގެ ކުރިމައްޗަށް ޙާޟިރުނުކުރޭނޭ ކަމުގެ ޔަޤީންކަން އެ ޖަރީމާތައް ހިންގާ ފަރާތްތަކަށް ކަށަވަރުވާތީކަމުގައި ދެކޭ ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް