ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި އިންފޮމޭޝަން ކަމިޝަނަރުގެ އޮފީހާއި ގުޅިގެން މީޑިއާ އެތިކްސް ވޯރކްޝޮޕަކާއި ޕެނަލް ޑިސްކަޝަނެއް ބާއްވަން ނިންމައިފިއެވެ.
މި ވޯކްޝޮޕާއި ޕެނަލް ޑިސްކަޝަން ބޭއްވުމުގެ މަގުސަދަކީ މީޑިއާ ދާއިރާގައި އަޚުލާގު ބައްޓަންކުރަންވީ ގޮތާއި މުއާމަލާތްކުރުމަށް ބޭނުންވާ ހުނަރާއި މައުލޫމާތު ފޯރުކޮށްދިނުމެވެ. މީގެ އިތުރުން މި ވޯކްޝޮޕްގައި އިސްލާމީ ނަޒަރަކުން މީޑިއާގެ އަޚުލާޤިއްޔަތަށް ބަލާލުމާއިއެކު މައުލޫމާތު ހޯދުމާއި ލިބިގަތުގެ ޤާނޫނަށް އަލިއަޅުވާލެވޭނެއެވެ. މި ވޯކްޝޮޕް ކުރިއަށްދާނީ 7 އޮގަސްޓް 2024 ގެ ހެނދުނު 9:00 އިން 12:00 އަށެވެ. އަދި ޕެނަލް ޑިސްކަޝަން ކުރިއަށްދާނީ ހަމަ އެދުވަހު 13:00 އިން 14:00 އަށެވެ. މި ވޯކްޝޮޕާއި ޕެނަލް ޑިސްކަޝަންގައި މީޑިއާގެ ދާއިރާއިން ތައުލީމާއި ތަޖުރިބާ ހޯދާފައިވާ ތަޖުރިބާކާރުން މައުލޫމާތު ހިއްސާކުރާނެއެވެ.
އިސްލާމީ ޔުނިވާސިޓީގެ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިންފޯމޭޝަން އޮފިސަރުންނާއި މިޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި ނޫސްވެރިކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތަތަކަށް މި ވޯކްޝޮޕުގައި ބައިވެރިވެވޭނެއެވެ. ވޯކްޝޮޕްގެ އިތުރުން ބާއްވާ ޕެނަލް ޑިސްކަޝަންގައި އިޖުތިމާއި ހަމަޖެހުން ޤާއުމުކުރުމަށްޓަކައި ތަޢުލީމީ މީޑިއާގެ މުޙިއްމު ކަމުގެ މައްޗަށް ޕެނަލިސްޓުން ވާހަކަދައްވާނެއެވެ. އަދި އޭގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމަށް ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މައުލޫމާތުވެސް މި ޕެނަލް ޑިސްކަޝަންއިން ލިބިގެންދާނެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައިންސަސްގެ ފަރާތުން އިސްނަގައިގެން ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންފުޅުވާނަމަ ވޯކްޝޮޕް އެޕްލިކޭޝަން ލިންކް ބޭނުންކުރައްވައިގެން 5 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ކުރިހަމަކުރުމަށް އައިޔޫއެމްއިން އެދެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސީޓީއިން މީޑިއަށް ޚާއްސަކޮށްގެން 2018 ވަނަ އަހަރުން ފެށިގެން މާސްޓަރސް އޮފް އާޓްސް އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް ކޯހެއް ކުރިއަށް ގެންދެއެވެ. މި ކޯސް ރާއްޖޭގެ ފުންނާބުއުސް ގިނަ ނޫސްވެރިންތަކެއް ވަނީ ފުރިހަމަކޮށްފައެވެ. މާސްޓަރސް ކޯހުގެ އާ ބެޗް މި އޮގަސްޓް މަހުގެ ތެރޭގައި ފެށޭނެއެވެ. މި ބެޗުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވިފައެވެ.
ރެޖިސްޓްރޭޝަން ލިންކް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް