މަރުތޭލަކުން މީހަކަށް ހަމަލާދިން އިންޑިޔާ މީހާގެ ބަންދަށް 15 ދުވަސް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުކުރު ދުވަހުގެ ރޭ ހިނގި ދެބަސްވުމެއްގައި ބިދޭސީއަކަށް މަރުތޭލުން ހަމަލާދިން ބިދޭސީއެއްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ. ފުލުހުން ކުރިން ބުނެފައިވާގ...

04 Aug 2024 | 06:14

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުކުރު ދުވަހުގެ ރޭ ހިނގި ދެބަސްވުމެއްގައި ބިދޭސީއަކަށް މަރުތޭލުން ހަމަލާދިން ބިދޭސީއެއްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ފުލުހުން ކުރިން ބުނެފައިވާގޮތުގައި އެ ރޭގެ 20:00 ހާއިރު އެ އެއާޕޯޓުގައި މަސައްކަތްކުރާ ދެ ބިދޭސީ މުވައްޒފުން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިއެވެ. ހަމަލާ ދިން މީހާ ހައްޔަރުކުރިއިރު ޒަޚަމްވިމީހާއަށް ހަނިމާދޫ ހެލްތު ސެންޓަރުން ފަރުވާދެމުން އަންނަ ކަމަށް ހުކުރު ދުވަހުގެ ރޭ ފުލުހުން ބުންޏެވެ.

ދުވަހަށް މައުލޫމާތުދެމުން އެ ރޭ ހަނިމާދޫ ހެލްތު ސެންޓަރުން ބުނީ ޒަޚަމްވި މީހާގެ ކަންފަތްމަތިން ފަޅައިގެންގޮސްފައިވާތަނުގެ ޒަޚަމް ފުން އަދި ބޮޑުކަމުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ރިފަރކޮށްފައިވާނެކަމަށެވެ.

އެރޭ ފުލުހުން ފަހުން ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ މީހެއް ކަމަށާއި އަނިޔާ ލިބިފައިވަނީ 37 އަހަރުގެ މީހަކަށް ކަމަށެވެ. އެ ދެމީހުންނަކީވެސް އިންޑިޔާއަށް ނިސްބަތްވާ ދެ ފިރިހެނުން ކަމުގައިވެސް ފުލުހުން އެރޭ ބުނެފައިވެއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.

ޒަޚަމްވި މީހާގެ ހާލަތާއި ގުޅޭގޮތުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ބަހެއް ހޯދައިލަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް