ޔާމީންގެ ކެނޑިޑެސީ މައްސަލަ: ކެމްޕޭނު މުއްދަތުވެސް ޖަލުގައި، ހޮވުނަސް ޖަލުގައި !

ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުރަހެއް ނެތްކަމަށް ނިންމައިފިނަމަ، މިހާރު އޮތް ހުމް އޮތް ނަމަވެސް ކެމްޕޭނުގެ މުއްދަތުގައިވެސް ހޭދަކުރައްވާނީ ޖަލުގައި ކަމަށާއި އަދި ހޮވިވަޑައިގެންފި...

04 Aug 2023 | 18:54

ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުރަހެއް ނެތްކަމަށް ނިންމައިފިނަމަ، މިހާރު އޮތް ހުމް އޮތް ނަމަވެސް ކެމްޕޭނުގެ މުއްދަތުގައިވެސް ހޭދަކުރައްވާނީ ޖަލުގައި ކަމަށާއި އަދި ހޮވިވަޑައިގެންފިނަމަވެސް އޮންނަވާނީ ޖަލުގައިކަން ދޭހަވާފަދަ މޭރުމަކުން ރައީސް ޔާމީންގެ ވަކީލުން މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސް ޔާމީން ހުށަހެޅުއްވި ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާއިރު މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވަކާލާތު ކުރަނީ މިހާރު ހުކުމެއް އޮތް ނަމަވެސް އެއީ ނިހާއީ ހުކުމަކަށް ނުވާހާ ހިނދެއްގައި ކުރިމަތިލުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށާއި އެކަމުގައި ގެއްލުމެއް ނެތް ކަމަށެވެ.

އެކަމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިތުރަށް ސުވާލުތައް ކުރިމަތި ކުރި އިރު، "ކެމްޕެއިން ވެސް ނުކުރައްވާނެތޯ އާއި ހޮވިއްޖެ ނަމަ ދެން ކަންތައްވާނީ ކިހިނެއްތޯ" ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ.

ޖަވާބުގައި ރައީސް ޔާމީންގެ ވަކީލު ހަމްޒާ ވިދާޅުވީ ޖަލުގައި ހުއްޓާ އިންތިހާބު ވިޔަސް ވެރިކަމުގެ ޒިންމާ އަދާކުރައްވާނީ އެމަނިކުފާނުގެ ނައިބު ކަމަށެވެ.

މީގެ އިތުރުން އެފަދަ ހާލަތެއްގައި އިންތިހާބު ވާ ފަހުން ޖަލުގައި ހުންނަވަނިކޮށް މިހާރު އޮތް ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފިނަމަ ދެން ވާނީ ކިހިނެއްތޯވެސް ފަނޑިޔާރުން ސުވާލު ކުރިމަތި ކުރުވިއެވެ.

ޖަވާބުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވިދާޅުވީ އެފަދަ ހާލަތެއްގައި ރައީސްގެ މަގާމު ގެއްލޭނީ ކަމަށާއި އަދި އޭރުން ޒިންމާއާއި ހަވާލުވާނީ އިންތިހާބުވާ ނައިބު ރައީސް ކަމަށެވެ.

މިފަދަ މޭރުމަކުން ސުވާލުތަކާއި ޖަވާބުތައް ކުރިއަށްގޮސްފައިވާއިރު ރައީސާއި ނައިބު ރައީސްގެ ޝަރުތުތަކަކީ އެއް ޝަރުތުތަކަށް ވާއިރު ޖަލު ހުކުމެއް އޮތް ދެ ބޭފުޅަކު ރައީސް ކަމާއި ނައިބު ރައީސް ކަމަށް އިންތިހާބު ވެއްޖެނަމަ ދެބޭފުޅުންވެސް ޖަލުގައި ތިއްބަވާނީތޯ އިލެކްޝަންސް ކޮމިޝަންގެ ވަކީލު މަހްފޫޒު ސައީދު ސުވާލު އުފެއްދެވިއެވެ.

މިއަދު ހަވީރުއްސުރެ ކުރިއަށްދިޔަ ޝަރީއަތް ގާތްގަނޑަކަށް މިރޭ 11:30 ހާއިރު ނިންމާލާފައިވާއިރު ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އުތުރު ކަމެއް ސާފު ކުރަން ނެތް ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް