ފްރާންސްގެ ލިލް އަށް ކުޅެމުން އައި ޕޯޗުގަލް ޒުވާން މިޑްފީލްޑަރ ރެނޭޓޯ ސަންޗޭސް ފްރާންސްގެ ޕީއެސްޖީއަށް ސޮއިކޮށްފިއެވެ.
އުމުރުން 24 އަހަރުގެ ސަންޗޭސް ޕީއެސްޖީއާއި ގުޅުނީ 15 މިލިއަން ޕައުންޑުގެ ފީއަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ. އެހެން ކަމުން މި އެއްބަސްވުމާއި އެއްގޮތައް އޭނާ 2027 ވަނަ އަހަރުގެ ނިޔަލަށް ޕީއެސްޖީގައި މަޑުކުރާނެއެވެ.
ސަންޗޭސް ޕީއެސްޖީއަށް ބަދަލުވިއިރު، އޭނާ ހޯދުމަށް ޔޫރަޕުގެ އެހެން ބައެއް ކުލަބުތަކުންވެސް މަސައްކަތް ކޮށްފައިވެއެވެ. ސަންޗޭސް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ އިޓަލީގެ އޭސީ މިލާނުންނެވެ. ނަމަވެސް އޭސީމިލާނުން ސަންޗޭސް ހޯދުމަށް މަސައްކަތް ކުރަމުން އަންނަނިކޮށް އެ ކުލަބުގެ މައްޗަށް ކުރިހޯދާ ޕީއެސްޖީން މި ވަނީ އޭނާގެ ސޮއި ހޯދާފައެވެ.
ޕޯޗުގަލްގެ ބެންފީކާއިން ސީނިއަރ ކެރިއަރު ފެށި ސަންޗޭސް ވަނީ ޖަރުމަނުގެ ބަޔާން މިޔުނިކަށް ވެސް ކުޅެފައެވެ. 2016 ވަނަ އަހަރު ބަޔާނަށް ބަދަލުވެ އޭނާ ވަނީ އެ ކުލަބުގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ. އެގޮތުން އެ ކުލަބާއި އެކު އޭނާ ވަނީ ޖަރުމަން ލީގު ދެފަހަރު ކާމިޔާބު ކުރުމުގެ އިތުރުން ޖަރުމަން ސުޕަ ކަޕާއި ޖަރުމަން ކަޕް ކާމިޔާބު ކޮށްފައެވެ.
ސަންޗޭސް އެންމެ ފަހުން ކުޅެފައިވަނީ ފްރާންސްގެ ލިލްއަށެވެ. އެ ކުލަބަށް އޭނާ ބަދަލުވީ 2019 ވަނަ އަހަރުގައެވެ. ލިލް ގައި ތިން ސީޒަނެއް ހޭދަ ކުރިއިރު، ސަންޗޭސް ވަނީ ލިލްއާއި އެކު ފްރާންސް ލީގު ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ފްރާންސް ޗެމްޕިއަންސް ޓްރޮފީވެސް އެ ކުލަބާއި އެކު ކާމިޔާބު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް