ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބަދުއަހްލާގީ އަމަލެއް ހިންގަވާ މަންޒަރު ފެންނަ ހަތަރު ގަނޑު ފޮޓޯ ލިބިލައްވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވި މައްސަލަ ސުޕްރީމް ކޯޓަށާއި ޕްރޮސެކިއުޓާ ޖެނެރަލަށާއި ފުލުހުންނަށް ހުށަހަޅައިފިއެވެ.
މި މައްސަލަ އެ ތިން ފަރާތައްވެސް ހުށަހެޅުއްވީ ސިޔާސީ އެކްޓިވިސްޓު، އަހްމަދު ސަލީމް (މާޒް ސަލީމް) އެވެ.
ވަކި ވަކިން ތިން ފަރާތައް މާޒް ސަލީމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބަދުއަހްލާގީ އަމަލު ހިންގަވާ ފޮޓޯތަކެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އަތްޕުޅުގައި ހުރިކަމަށް އެމަނިކުފާނު ވިދާޅުވެ އަދި މީގެ އިތުރުން އެމަނިކުފާނު ބޭނުންފުޅުވީމާ އެ ފޮޓޯތައް އާއްމުކުރައްވާނެކަމަށް ވިދާޅުވުމާއި ގުޅިގެން ދިވެހިރާއްޖޭގެ މުޅި މީޑިއާގައި އެވާހަކަ ވަނީ ފެތުރިފައި ކަމަށެވެ.
"ދަންނަވަމެވެ. ގާނޫނުގައިވާ ގޮތުގެމަތިން އެ ވިދާޅުވާކަހަލަ ފޮޓޯއެއް ނުވަތަ ފޮޓޯތަކެއް އެއްވެސް ފަރާތެއްގެ އަތުގައި ވުމަކީ ގާނޫނީ ކުށެކެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ވަލިއްޔުލް އަމްރުގެ އެފަދަ ފޮޓޯތަކެއް ހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވުން މިއީ މިފަދަ އިސްލާމީ ގައުމެއްގެ ރައްޔިތުންނަށް ކުޑަމައްސަލައެއް ނޫނެވެ. މިކަމަކީ ގާނޫނު އަަސާސީގައި ބުނާ ރައީސުލްޖުމްހޫރިއްޔާ ސިފަތަކަށް އުނިކަންލިބޭ ތުހުމަތެއް ކަމަށްވާތީވެ، ފުލުހުން ލައްވާ މި މައްސަަލަތައް ތަހްގީގުކޮށް އެ ވިދާޅުވާފަދަ ފޮޓޯތަކެއް އެމަނިކުފާނުގެ އަތްޕުޅުގައި ހުރިތޯ އަދި ނެތްތޯ ބަލާ ސާފުކުރުން އެއީ ގާނޫނީގޮތުން މިއަދު ކުރަންޖެހޭ ކަމެކެވެ. އަދި އެ ވިދާޅުވާ ފޮޓޯތަކެއް ހުރިކަން ތަހުގީގަށް ސާބިތުކޮށް ނުދެވިއްޖެނަމަ އެއީ ގަޒްފުގެ ހައްދު ކަނޑައެޅިފައިވާ ޝަރުއީ އަދި ގާނޫނީ ކުށެކެވެ." މާޒް ސަލީމްގެ ސިޓީގައި ވިދާޅުވެފައިވެއވެެ.
އަދި ހަމަ މިއާއެކީގައި މީޑިއާތަކުގެ ފަލަ ސުރުހީއަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބްލެކްމެއިލް ކޮށްފައިކަން ރާއްޖޭގެ އެންމެހާ ރައްޔިތުން ގަބޫލުކުރެއެވެ. މިއީވެސް ގާނޫނުގައި އަދަބު ކަނޑައެޅިގެންވާ ކުށެއްކަންވެސް މާޒް ސަލީމްގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
އެގޮތުން ސުޕްރީމް ކޯޓަށް ފޮނުއްވެވި ސިޓީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހްމަދު މުއުތަސިމް އަދުނާނަށް އެޑްރެސްކުރައްވާފައިވާއިރު އެ ސިޓީގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓަކީ މިފަދަ މައްސަލަތަކުގައި ކޯޓު އަމުރު ނެރެވޭނެ ހަމަ އެކަނި ފަރާތްކަމުގައިވާތީ މި މައްސަލަ ތަހްގީގު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދެއްވުން އެދިލައްވާކަމަށެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެޑްރެސް ކުރައްވައި ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ މާތްﷲ ގަންދީ ކުރައްވާފައިވާ ހުވަޔާއި އަދި ގާނޫނުން މަތިކުރެވިފައިވާ ޒިންމާޔާއި އެއްގޮތަށް މި މައްސަލަ އެންމެ އަވަހަށް ތަހުގީގު ކޮށްދެއްވާ ޝަރީއަތަށް ފޮނުއްވާދެއްވުން އެދި ދަންނަވާކަމަށެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ހުސައިން ޝަމީމަށް އެޑްރެސްކުރައްވައި ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ މި މައްސަަލަ އަވަސް މައްސަލައެއްގެ ގޮތުގައި ފުލުުހުން ލައްވައި ތަހްގީގުކުރެެއްވުމަށް އަމުރުކުރެއްވުމުގެ ގާނޫނީ ބާރުވެރިކަން ހަމައެކަނި ލިބިވަޑައިގަންނަވާ ފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށްވާތީ، މާތް ﷲ ގަންދީ ކުރައްވާފައިވާ ހުވަޔާއި އަދި ގާނޫނުން މަތިކުރެވިފައިވާ ޒިންމާޔާ އެއްގޮތަށް މި މައްސަލަ ތަހްގީގުކޮށްދެއްވުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް