އިނގިރޭސިވިލާތުގައި މިވަގުތު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ޖަހައިގެންއިރު އެމްއެންޑީއެފް ސެކިއުރިޓީ އިނީ ތަންކޮޅެއް ދުރުގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އޮންލައިން ނޫސް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އެވެ. ނަޝީދުގެ ފޯނު ޖަހައިގަތީ އިއްޔެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދާއި އެކު ރެސްޓޯރެންޓެއްގައި އިންނަވަނިކޮށެވެ.
ނަޝީދު ވިދާޅުވީ ރެސްޓޯރެންޓުގައި އިންނެވި އިރު އެމްއެންޑީއެފް ސެކިއުރިޓީ ދުރުގައި އިށީނދެ އިނީ އެމަނިކުފާނު އެކަަމަށް އެދިވަޑައިގެންނެވުން ކަމަށެވެ. އެއީ ދަރިކަނބަލުންނާއި އެކު ވަކިން ވާހަކަ ދައްކަވާލަން ބޭނުންފުޅުވެގެން ކަމަށެވެ.
ނަޝީދު ވިދާޅުވީ މިކަމުގައި ސެކިއުރިޓީގެ އިހުމާލެއް ނެތް ކަމަށެވެ.
ނަޝިދުގެ ފޯނު ޖަހައިގަތުމުން ގިނަ ބަޔަކު ދަނީ އެމްއެންޑީއެފުން ނަޝީދާއި އެކު ފޮނުވި ސެކިއުރިޓީ ކޮބައިތޯ ސުވާލުކޮށްފަ އެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީ އެހާ ދައްވާން ޖެހުނީ ކީއްވެތޯ ދަނީ ސުވާލު ކުރައްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އެމީހާ ފޯނު ޖަހައިގަތީ ސަލާން ޖަހާ މީހަކަށް ވެގެން އައިސް ކަމަށެވެ. އަދި އެ މީހާ ސަލާން ޖަހަން މޭޒުކައިރިއަށް ގާތްވެ އުޅުނު ގޮތާއި ފޯނު ޖަހައިގެން ދުއްވައިގަތުމަކީ ފިލްމުތަކުން ވެސް ފެނިވަޑައިގަންނަވާ ފަދަ މަންޒަރެކެވެ.
ނަޝީދުގެ ފޯނު ޖަހައިގަތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސިފަ ކުރެެއްވީ ގަރުނުގެ ބޮޑު ޖޯކުގެ ގޮތުގައި އެވެ. އޭނާ ވިދާޅުވީ އެކަން ޖޯކަކަށްވީ ހަތަރު ގަނޑު ފޮޓޯ އާއި އެކު ފޯނު ގެއްލުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް