ޔޯގާ ހަރަކާތާއި ގުޅިގެން ޝެއިޚް ނިޝާން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ ރަނގަޅަށް: ހައިކޯޓު

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މާލޭގައި ހިންގި ޔޯގާ ހަރަކާތާއި ގުޅިގެން ޝެއިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުނ...

04 Aug 2022 | 07:03

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މާލޭގައި ހިންގި ޔޯގާ ހަރަކާތާއި ގުޅިގެން ޝެއިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

ޝެއިހް ނިޝާން ބަންދުކޮށް މުއްދަތު އިތުރުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ނިންމީ މިއަދުއެވެ. ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރަން ނުޖެހޭ ކަމަށް ހައި ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް ވަނީ އިއްތިފާގުވެފައެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދުއެވެ. ދެން ބެންޗުގައި ތެއްބެވީ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ނިޝާންގެ މުއްދަތު އިތުރު ކޮށްފައިވަނީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުރުމުން ކަމަށެވެ.

ގަލޮޅު ދަނޑުގައި ބޭއްވި އެ ހަރަކާތް ހިނގަމުންދަނިކޮށް އެތަނަށް ބަޔަކު ވަދެ ވަނީ ހަމަނުޖެހުން ހިންގާފައެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ޝެއިހް ނިޝާން ހައްޔަރު ކޮށްފައިވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.

އެ ދުވަހުގެ އިހްތިޖާޖަށްފަހު ޝައިޚް ނިޝާން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ހަރަކާތާ ދެކޮޅަށް އަޑުއުފުލައި ހައްގު ބަސް ބުނުމަށް ދާން ނިންމީ އޭނާގެ އިރުޝާދުގެ ދަށުން ސުލްހަވެރިކޮށް އެ ހަރަކާތް ގެންދާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ. ނަމަވެސް އެ ހަރަކާތުގައި ބައިވެރިވި ޒުވާނުންގެ ތެރެއިން ބަޔަކު ލޭ ކެކި އޭނާގެ އިރުޝާދަށް ތަބާނުވެ ގަލޮޅު ދަނޑު ތެރެއަށް ވަދެގަތީ ކަމަށް ޝައިޚް ނިޝާން ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ އެކަން ކޮންޓްރޯލު ނުކުރެވުމުން އެ ހަރަކާތް ނިންމާލީ ކަމަށް އިއުލާނުކޮށް އެ ސަރަހައްދު ދޫކޮށް ގޮސްފައިވާނެ ކަމަށެެވެ.

އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް