ދ. ކުޑަހުވަދޫގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި އެވެ.
އެރަށު އާންމުން ނުކުމެ ހިތްހަމަ ނުޖެހުން ފާޅު ކުރަން ފެށީ ހާޓް އެޓޭކެއް ޖެހުނު މީހަކު މަންޓާ އެއާގެ ފްލައިޓެއްގައި މާލެ ނުގެނެވުނު މައްސަލައިގަ އެވެ. މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން ކުޑަހުވަދޫގައި އޮންނަ ދާލު އެއާޕޯޓު ކައިރީގައި އާންމުން ދަނީ މަންޓާ އެއާއާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެއްވުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަތަރު ފިރިހެނަކު ހައްޔަރު ކުރި ކަމަށެވެ. އަނެއް ދެ މީހުން ހައްޔަރު ކުރީ ހަތަރު މީހުން ހައްޔަރުކުރަން އުޅުމުން އެކަމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ 27 އަހަރުގެ ދެ މީހަކާއި 28 އަހަރާއި 31 އަހަރުގެ ދެ މީހެއް އަދި 32 އަހަރުގެ މީހެކެވެ.
ހާޓް އެޓޭކު ޖެހުނު މީހާ މާލެ ގެނެސްފައިވަނީ އަންގާރަ ދުވަހު ހެނދުނު މޯލްޑިވިއަންގެ ޗާޓާޑް ފްލައިޓެއް އެ ރަށަށް ގޮސްގެންނެވެ. ދާލު އެއާޕޯޓަށް ޝެޑިއުލް ދަތުރު ކުރަނީ މަންޓާ އެއާއިން އެކަންޏެވެ.
މި ހަމަ ނުޖެހުންތަކުގައި އެއްވި މީހުން ދާލު އެއާޕޯޓަށް ނުވަދެވޭ ގޮތަށް ހެދި އިރު ހަ ގަޑިއިރުވަންދެން12 ޓޫރިސްޓަކަށް ނުފުރިފަ ތިބެން ޖެހުނެވެ. އަދި އެ އެއާޕޯޓުގެ އޮޕަރޭޝަންތައްވެސް ހުއްޓުމަކަށް އައެވެ.
މި މައްސަލައިގަ މަންޓާ އެއާއިން ބުނީ އެ އެއާލައިންގެ ފްލައިޓުތަކަކީ އެއާކްރާފްޓް ޑިޒައިންކޮށްފައިވާ ގޮތުން އެ ބޯޓަށް ސްޓްރެޗާ ނޭރުވޭ ކަމަށެވެ. ނަމަވެސް، ގޮނޑީގައި އަމިއްލައަށް އިނދެގެން ދަތުކުރެވޭވަރު މީހެއްކަން އަންގައިދޭ ޑޮކްޓަރުގެ ލިޔުން ދެއްކުމުން ދަތުރުކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް