ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގެކޮޅު މއ. ކިނބިގަސްދޮށުގެއަށް ގެއްލުން ދިން މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ޖާބިރު މިއަދު ވަނީ އެ ގެއާއި ހަވާލުވި ކަމަށްވިދާޅުވެ ކިނބިގަސްދޮށުގޭ ދޮރު މަތީގައި ހުންނަވައިގެން ބަޔާނެއް ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ޝަރުއީ މަރުހަލާގެ ތެރެއިން އޭނާއަށް އިންސާފު ނުލިބުމުން އަމިއްލައަށް އިންސާފު ހޯއްދަވަނީ ކަމަށެވެ.
ފުލުހުންގެ މީޑިއާއިން މިރޭ ބުނީ ކިނބިގަސްދިށޫގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެެ.
ޖާބިރު އެސަރަހައްދަށް ވަޑައިގެންނެވީ މީޑިއާއަށް އެކަން އެންގުމަށް ފަހު އެވެ. އެތަނުގައި ބަޔާނެއް ދެއްވައި ޖާބިރު ގެއްލުން ދީފައިވަނީ އެގޭ ފާރުމައްޗަށް އަރުވާފައިވާ ވެޔޮގަނޑަކަށެވެ.
ޖާބިރު ވިދާޅުވީ ކިނބިގަސްދޮށުގެއާއި އޭނާ ހަވާލުވެފައިވާ ކަމަށެވެ. ޖާބިރު ވިދާޅުވީ މައުމޫން އޭނާ އަތުން ލޯނު ނެންގެވީ އެ ގެ ރަހުނު ކުރައްވާފައި ކަމަށެވެ.
މިދިޔަ ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު މައުމޫނަށް ދެއްވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ ހޯއްދަވަން މައުމޫނާއި ދެކޮޅަށް ޖާބިރު ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހެޅުއްވިއެވެ. އެކަމަކު، ޖާބިރު ކުރެއްވި އެ ދައުވާ ސާބިތު ނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް