ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާ އާއި ގުޅިގެން ފުލުހުންނަށް ދީފައިވާ ބަޔާން ލީކު ކޮށްލި ބަޔަކު ނުވި އެވެ.
އޮންލައިން ނޫން "އަދަދަށް" ލިބިފައިވާ ކަމަށް އެ ނޫހުން ބުނެފައިވަނީ ރ. ފުއްގިރި މައްސަލައިގަ ޔާމީނަށް އުފުލާފައިވާ ދައުވާ އާއި ގުޅިގެން އެމަނިކުފާނު ފުލުހުންނަށް ދީފައިވާ ބަޔާނެވެ. އެ ބަޔާނުން އެނގޭ ގޮތުގައި ޔާމީން ތުހުމަތުތަކުން ދިފާއުވާން ފައިސާގެ މުއާލާތް ހިންގެވި ގޮތުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށް ބުނެފައިވެ އެވެ
ޔާމީން ފުލުހުންނަށް ދެއްވި ބަޔާން ލީކުވުމަކީ ބޮޑު މައްސަލައެކެވެ. އެކަމަކު މިކަން ގާނޫނާއި ހިލާފަށް ހިންގި ބަޔަކު ކަމާ ބެހޭ ފަރާތްތަކާއި ނޫސްވެރިން ސުވާލުކޮށްގެން އެނގޭ ގޮތެއް އަދި ނުވެ އެވެ.
ފުލުހުންވަނީ ތަހުގީގަށް މީހަކު ދޭ ބަޔާނެއް އެ އިދާރާއިން ލީކު ނުވާނެ ކަމުގެ ޔަނީންކަން ދީފަ އެވެ. ފުލުހުން ހިންގާ ތަހުގީގަށް އެއްޕާރުލުންދޭ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެއޮފީހުން އެ ބަޔާން ލީކުވެފައި ނުވާ ކަމުގެ ޔަގީންކަން ދީފަ އެވެ.
މި މައްސަލައިގަ ބަޔާން ލިބުނު ނޫހާއި ޕީޖީ އާއި ދެމެދު އޮތް ގުޅުމުން ގިނަ ބަޔަކު ދަނީ ޕީޖީ ހުސައިން ޝަމީމަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ. ޕީޖީ ޝަމީމް އަކީ 'އަދަދު" އަށް ކޮލަމް ލިޔުއްވާ ބޭފުޅެކެވެ.
އެކަމާއި ގުޅިގެން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ އެ ބަޔާން ޕީޖީ އޮފީހާއި ޕީޖީ ޝަމީމްގެ ފަރާތްޕުޅުން ލީކު ނުވާކަމުގެ ޔަގީންކަންށް ދެއްވާ ކަމަށެވެ. އަދި އެ ބަޔާން ޝަމީމް އަދި މިހާތަނަށް ބައްލަވާފައި ނުވާކަމަށް އޭނާ އާއި ހަވާލާދީ ޝަފީއު ވިދާޅުވި އެވެ.
އެކަމަކު މިފަދަ ކަމެއް ހިނގުމުން ފުލުހުންނާއި ގުޅިގެން ބަޔާން ލީކުވި ގޮތް ހޯދުމުގެ މަސައްކަތް ކުރަން އެ އޮފީހުން ނިންމާފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.
ކޯޓުގައި ޔާމީންގެ ގާނޫނީ ވަކީލުން ބުނެފައިވާ ފަދައިން "އަދަދު" ގައި ބުނެފައިވާ ގޮތުގައި އެ މުއާމަލާތް ހިންގާފައިވަނީ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމްއާ އެކުގަ އެވެ.
ޔާމީން ތަހުގީގަށް ކިޔައި ދެއްވި ގޮތުގައި ދައުލަތުން ތުހުމަތުކުރާ 1.1 މިލިއަން ޑޮލަރު ލިބުނީ، އެ އަދަދަށްވާ 17 މިލިއަން ރުފިޔާ، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމްއާ ހަވާލުކުރެއްވުމުންނެވެ. މި މުއާމަލާތް ސިޔާމްއާ އެކު އެމަނިކުފާނު ހިންގެވީ 2016 ގައި ކަމަށް ތަހުގީގަށް ވިދާޅުވި އެވެ.
ސިޔާމް އަތުން 1.1 މިލިއަން ޑޮލަރު ގަތީ، ޔާމީން ވިދާޅުވެފައިވާ ގޮތުގައި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް އެކަށީގެންވާ އަދަދެއް ޖަމާކޮށްފައި ބެހެއްޓުމަށެވެ.
ތަހުގީގަށް ކިޔައި ދެއްވި ވާހަކަތަކުން އެނގޭ ގޮތުގައި ޔާމީން މި މުއާމަލާތް ހިންގަވާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރި ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް