މިހިރީ ކިނބިގަސްދޮށުގެއާ ހަވާލުވެގެން: ޖާބިރު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު، ކިނބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން އެގެކޮޅާ ހަވާލުވެވަޑައިގެން ކަމަށް ވިދާޅުވެ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު، އަދި ރައްޔިތުން މަޖިލ...

04 Aug 2021 | 10:24

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު، ކިނބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން އެގެކޮޅާ ހަވާލުވެވަޑައިގެން ކަމަށް ވިދާޅުވެ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު، އަދި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ބަޔާނެއް އިއްވަވައިފިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވާފައިވާނެ ކަމަށާއި އެއީ ލޯނެއްގައި އިންޓަރެސްޓް އަރާ ގޮތަށް ދެއްވި ފައިސާއެއް ކަމަށް ޖާބިރު ވަނީ ކުރިން ވިދާޅުވެފައެވެ. އެ ފައިސާ ދެއްވީ ކިނބިގަސްދޮށުގެ މޯގޭޖް ކުރައްވާފައި ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

މައުމޫންގެ އަތުން 29 މިލިއަން ރުފިޔާ ހޯއްދަވަން ޖާބިރު ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅުއްވިއެވެ. އެކަމަކު، ޖާބިރު ކުރެއްވި އެ ދައުވާ ސާބިތު ނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ.

ޖާބިރު މިއަދު ވަނީ ކިނބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން، އެތަނުގައި އިރުކޮޅަކު މަޑު ކުރައްވައި ބަޔާނެއް އިއްވަވާފައެވެ.

ޖާބިރު ވިދާޅުވީ އޭނާ ހުންނެވީ އެގެއާ ހަވާލުވެގެން ކަމަށެވެ. އެއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މައުމޫނަށް ދެއްވި ދަރަނި އަދާކޮށްފައި ނުވާތީ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޝަރުއީ މަރުހަލާގެ ތެރެއިންވެސް އޭނާ އަށް އިންސާފް ލިބިވަޑައިނުގެންނެވި ކަމަށެވެ.

"މިހާރު އަޅުގަނޑު މިހިރީ ކިނބިގަސްދޮށުގެއާ ހަވާލުވެގެން. އަދުލު އިންސާފު ނެތުމުން އަމިއްލައަށް އަދުލު އިންސާފް ގާއިމް ކުރަމުން މިދަނީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ވަރަށް ބޮޑަށް ނުރުހުންވެ ހުންނަވައި ކިނބިގަސްދޮށުގޭގައި ހުރި ވެޔޮގަނޑަކަށް ވެސް ގެއްލުން ދެއްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް