މޮރީޝަސްގެ ޖަޒީރާ ރަށެއްގައި އިންޑިއާގެ ކަނޑުމަތީ ސިފައިންގެ ސިއްރު އަސްކަރީ މަރުކަޒެއް ބިނާ ކުރަމުން އަންނަ ކަމަށް އަލް ޖަޒީރާ އިންވެސްޓިގޭޝަންސްއިން ރިޕޯޓު ކޮށްފިއެވެ.
އަލް ޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މޮރީޝަސްގައި އޮންނަ އަގަލޭގާ ނަމަކަށް ކިޔާ މި ރަށުގައި އިންޑިއާގެ ސިއްރު އަސްކަރީ މަރުކަޒެއް ހުރިކަން ހާމަވާ ސެޓެލައިޓް ފޮޓޯތަކާއި، ފައިނޭންޝިއަލް ޑޭޓާގެ އިތުރުންވެސް ގިނަ ހެކިތަކެއް ވަނީ އަލްޖަޒީރާގެ ޓީމަށް ލިބިފައެެވެ. އަދި މި ހެކިތައް ދިރާސާކޮށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިހާރު އަޅަމުން ދާ އެއަރސްޓްރިޕެއް އިންޑިއާގެ ނޭވީން ބޭނުން ކުރާނީ މެރިޓައިމް ނުވަތަ ކަނޑުމަތި ޕެޓްރޯލް ކުރުމުގެ މިޝަންތަކުގައެވެ.
މި މަރުކަޒާއި ގުޅިގެން މީޑިއާގައި އެންމެ ފުރަތަމަ ރިޕޯޓު ކުރަން ފަށާފައި ވަނީ 2018 ވަނަ އަހަރު ނަމަވެސް އިންޑިއާއާއި މޮރިޝަސްއިން ވަނީ އެއީ އަސްކަރީ ބޭނުންތަކަށް އަޅާ މަރުކަޒެއް ނޫން ކަމަށް ބުނެފައެވެ. އެ ރަށުގެ އިމާރާތްތަކަކީ ރަށުގެ ރައްޔިތުންނަށް ފައިދާ ވާނޭ ގޮތަށް ތަރައްޤީ ކުރާ ތަންތަން ކަމަށްވެސް ބުނެފައި ވެއެވެ.
އެގަލޭގާއަކީ މޮރީޝަސްގެ މައި ރަށާއި ގާތްގަނޑަކަށް 1،100 ކިލޯމާޓަރު ދުރުގައި އޮންނަ، އާބާދީގައި 300 އެއްހާ މީހުން ހިމެނޭ ރަށެކެވެ.
އަލްޖަޒީރާގެ ސެޓެލައިޓް ފޮޓޯތަކުން ހާމަވާ ގޮތުގައި އެ ރަށުގައި ބޮޑު 2 ބަނދަރުގެ އިތުރުން 3 ކިލޯމީޓަރު ރަންވޭއެއްވެސް އަންނަނީ ތަރައްޤީ ކުރަމުންނެވެ. އިންޑިއާގައި ހިންގަމުންދާ އޮބްޒަރވަރ ރިސާރޗު ފައުންޑޭޝަންގެ އެސޯސިއޭޓް ފެލޯއެއް ކަމަށްވާ އަބީޝެކް މިޝްރާ މިކަމާއި ގުޅޭ ގޮތުން އަލް ޖަޒީރާއަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ، ފޮޓޯތަކުން ފެންނަނީ އިންޓެލިޖެންސް ފެސިލިޓީއެއް ކަމަށާއި، މި ފެސިލިޓީ ބޭނުން ކުރާނީ އިންޑިއާ ކަނޑުގެ ހުޅަނގު ދެކުނު ސަރަޙައްދާއި މޮޒަމްބިކް ޗެނެލްގައި ސަރވެއިލެންސް ވަރުގަދަ ކުރުމަށް ކަމަށެވެ.
އަދި މި ފެސިލިޓީ މެދުވެރިކޮށް ވައިގެ މަގުންނާއި ކަނޑުމަތިން އިންޑިއާގެ އަސްކަރީ ޙަރަކާތްތައް އިތުރު ކުރާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް އަބީޝެކްވަނީ ވިދާޅުވެފައެވެ. މީގެ އިތުރުންވެސް އަސްކަރީ ބޮޑެތި އުޅަނދުތައް ބޭއްވުމާއި މިފަދަ ކަންކަމުގައި މި ފެސިލިޓީ ބޭނުން ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް އަބީޝެކް ވިދާޅުވެއެވެ.
މި އެއަރސްޓްރިޕަކީ ދުނިޔޭގައި މިހާރުވެސް އެންމެ ބޮޑެތި އުޅަނދުތައް ޖެއްސުމަށް ތަރައްޤީކޮށްފައިވާ އެއަރޕޯޓުތަކާއި ސައިޒުގެ ގޮތުން އެއްވަރުގެ އެއަރސްޓްރިޕެއްކަން ފާހަގަ ކޮށްލެވެއެވެ.
އޮސްޓްރޭލިއާގެ ނޭޝަަނަލް ޔުނިވަރސިޓީގެ ރިސާޗަރ ސެމިއުލް ބޭޝްފީލްޑް އަލްޖަޒރީއަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައި ވަނީ ގިނަ ޤައުމުތަކުން މިހާރު އަންނަނީ އެ ޤައުމުތަކުގެ ޖިއޯ ޕޮލިޓިކަލް ބާރު ގަދަ ކުރުމަށްޓަކައި އިންޑިއާ ކަނޑުގެ ސަރަޙައްދުތައް ބޭނުން ކުރަމުން ކަަމަށެވެ. ޚާއްސަކޮށް އިންޑިއާ ކަނޑުގެ ހުޅަނގު ދެކުނުގެ ސަރަޙައްދަކީ އިންޑިއާއަށް ވަރަށް މުހިންމު ސަރަޙައްދެއްކަންވެސް ބޭޝްފީލްޑް ފާހަގަ ކުރައްވާފައި ވެއެވެ. އަދި އެގެލްގޭ ހުރި ސަރަޙައްދަކީ އަސްކަރީ ބޭހެއް ޤާއިމް ކުރުމަށް އެންމެ ރަނގަޅު ހިސާބުކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޝިޕިންގ ޑޭޓާ ބޭނުންކޮށް އަލްޖަޒީރާއިން ވަނީ އިންޑިއާގެ ޕޯޓުތަކުން އެގަލޭގާއަށް އިމާރާތް ކުރާ ސާމާނު ހިފައިގެން ގޮސްފައިވާ ޑަޒަނެއްހާ ބޮޑެތި ކެރިއަރު ޓްރެކް ކޮށްފައެވެ. އަދި އެ ރަށުން ނަގާފައިވާ ފޮޓޯތަކުން ފާއިތުވެ ދިޔަ 2 އަހަރެއްހާ ދުވަސް ތެރޭ ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން މަސައްކަތްތެރިން އެމީހުން ދިރިއުޅުމަށް އަޅާފައިވާ ގިނަ ގެތަށް ފެނެއެވެ.
އަގަލޭގާގައި އިންޑިއާއިން މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރު މޮރީޝަސްގެ ސަރުކާރާއިއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް މިއަހަރުގެ މެއި މަހު މޮރީޝަންގެ ބޮޑުވަޒީރު ޕްރަވިންޑް ޖުގްނައުތު ވަނީ ތަކުރާރުކޮށް އިންޑިއާއާއިއެކު އެ ފަދަ އެެއްބަސްވުމެއް ވެފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
ކަމާއި ބެހޭ މާހިރުން ދެކިލައްވާ ގޮތުގައި މިއީ މުޅިން ތެދުފުޅެއް ނޫނެވެ. ބޭޝްފީލްޑްވެސް ވިދާޅުވަނީ އަސްކަރީ ބޭނުންތަކަށް ނޫނީ އެހާ ދުރުގައި އޮންނަ ރަށެއް މި ގޮތަށް ތަރައްޤީ ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
އިންޑިއާއިން މި ފެސިލިޓީ ތަރައްޤީ ކުރާ މައިގަނޑު ސަބަބަކީ ޗައިނާއިން އިންޑިއާ ކަނޑުގެ ސަރަޙައްދުތަކުގައި އަސްކަރީ ޙަރަކާތްތައް އިތުރު ކުރަމުން އަންނާތީ ޗައިނާއާއި ވާދަ ކުރުމުގެ ގޮތުންނެވެ. އެގޮތުންް މިޝްރާ ވިދާޅުވެފައިވަނީ ޗައިނާގެ ބާރު ފާއިތުވެ ދިޔަ އަހަރު ތަކުގައި އިތުރުވެފައި ވާ ކަމަށާއި، ޖޫބޫޓީގެ އިތުރުން މި ސަރަޙައްދުގެ ގިނަ ބަނދަރުތަކަށް ޗައިނާގެ އެކްސެސް އޮންނަކަން ފާހަގަ ކުރައްވާފައެވެ. މިކަމުގެ ސަބަބުން އިންޑިއާއިންވެސް މިހާރު މަސައްކަތް ކުރަނީ އިންޑިއާގެ ނުފޫޒު މި ސަރަޙައްދުގައި ވަރުގަދަ ކުރުމަށް ކަމަށްވެސް މިޝްރާ ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް