އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)އަށް މަރުގެ އިންޒާރުދިން ޓީޗަރު ވަޒީފާއިން ވަކިކޮށްފި އެވެ.
މި މައްސަލައިގަ ވަޒީފާއިން ވަކިކުރީ ނ ކުޑަފަރީ ސްކޫލްގެ އިސްލާމް ޓީޗަރެވެ. ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް ވަނީ އެ ޓީޗަރު ވަޒީފާއިން ވަކިކުރިކަން މީޑިއާގައި ކަށަވަރުކޮށްދެއްވާފަ އެވެ.
އެ ޓިޗަރު ސޯޝަލް މީޑިއާގައި ވައްޑޭއަށް މަރުގެ އިންޒާރު ދިނީ މިދިޔަ މެއި މަހުގެ ކުރީކޮޅު އެވެ. އެ މައްސަލައިގަ މެއި ނުވަ ވަނަ ދުވަހުން ފެށިގެން ޓީޗަރު ސަސްޕެންޝަންގައި ހުރި އިރު އޭނާގެ ފޭސްބުކްގައި ވައްޑޭއާ މުހާތަބުކޮށް ލިޔެފައިވަނީ “ތައުބާނުވެއްޖެނަމަ މަރާލަން ޖެހޭ” ކަމަށެވެ.
ވައްޑެ މަރާލަން ޖެހޭ ކަމަށް އޭނާ ބުނެފައިވަނީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލީތަލް އިންޖެކްސަން ޖަހައި މަރަށް މަރު ހިފުމަށް ކެބިނެޓްގައި އޭރު ކުރި މަޝްވަރާތަކަށް އޭނާ ފާޑުކިޔާފައިވާތީ އެވެ.
އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ އެވެ. އެ ނިންމުން ސިވިލް ސާވިސް ކޮމިޝަނުން ނިންމާފައިވަނީ، މައްސަލަ ބެލުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން އޭނާ ވަޒީފާއިން ވަކިކޮށްދިނުމަށް އެދުމުން ކަމަށް މައުލޫމާތުލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް