މިހާތަނަށް ހުށަހެޅި 19 މައްސަލައެއް އިންތިގާލީ އިންސާފުގެ އޮފީހުން ތަހުގީގު ކުރަނީ

އިންތިގާލީ އިންސާފުގެ އޮފީހަށް މިހާތަނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ތަހުގީގު ކުރަން ނިންމީ 19 މައްސަލައެއް ކަމަށް އެ އޮފީހުން ބުނެފި އެވެ. އެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި...

04 Aug 2021 | 06:29

އިންތިގާލީ އިންސާފުގެ އޮފީހަށް މިހާތަނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ތަހުގީގު ކުރަން ނިންމީ 19 މައްސަލައެއް ކަމަށް އެ އޮފީހުން ބުނެފި އެވެ.

އެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިމަހުގެ13 ވަނަ ދުވަހު އެވެ. އޮމްބަޑްސްޕާސަން އޮފީހުން ބުނީ މިހާތަނަށް84 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އެ އޮފީހުގެ ޑިރެކްޓާ ޖެނަރަލް އަހްމަދު ޔާމީން ވިދާޅުވީ ތަހުގީގު ކުރަން ނިންމާފައިވާ 19 މައްސަލައިގެ ތަހުގީގު ފެށުމަށް ކުރަންޖެހޭ ކަންކަން ވަރަށް ބާރަށް ކުރިޔަށް ދާ ކަމަށެވެ. އެގޮތުން ވީހާ ވެސް އަވަހަށް މައްސަލަތައް ނިންމުމަށްޓަކައި ބޭނުންވާ ޑޮކިއުމެންޓްސް ހޯދުމާ އަދި އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މިހާރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ގިނައީ ރަށްރަށުން ފޮނުވާފައި ހުރި މައްސަލަތައް ކަމަށެވެ. އެ މައްސަލަތަކުގެ ބާވަތުން ހޯދަން ޖެހޭ ހެއްކާއި ބަޔާން ނެގުމުގެ ކަންކަން ކުރުމަށް ރަށްރަށަށް ދާން ޖެހިއްޖެ ނަމަ، އެ އޮފީހުގެ ޓީމަކުން އެކަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ހުރި ދިވެއްސަކު މައްސަލައެއް ހުށަހަޅައިފި ނަމަ މައުލޫމާތު ހޯދަން ދާން ޖެހޭނަމަ ރާއްޖެއިން ބޭރަށްވެސް އެ އޮފީހުގެ ޓީމުތަކުން ދާނެ ކަމަށް ވިދާޅުވި އެވެ.

އެ އޮފީހަށް ހުށަހަޅާފައިވާ 84 މައްސަލައިގެ ތެރޭގައި ހިމެނޭ 27 މައްސަލައަކީ ބަދަލު ހޯދަން ހުށަހަޅާފައިވާ މައްސަލަތަކެވެ. އެންމެ ގިނައީ މަދަނީ މައްސަލަތަކެވެ. މަދަނީ މައްސަލަތަކުގެ އަދަދު 78 ގައި އުޅޭއިރު، ބާކީ ހުރީ ޖިނާއީ މައްސަލަތަކެވެ. މީގެ ތެރެއިން 39 މައްސަލަ އެ އޮފީހުގައި މިހާތަނަށް ރަޖިސްޓްރީކޮށްފައި ވެ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ތަހުގީގު ކުރަމުން1959 ވަނަ އަހަރުން ފެށިގެން2018 އާއި ދެމެދުގެ އަހަރުތަކުގެ މައްސަލަތަކެވެ. މި އޮފީސް ގާނޫނެއް ފާސްކޮށް މިސަރުކާރުން އުފެއްދި މައިގަނޑު މަގުސަދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނާއިންސާފުން މީހުންނަށް ދީފައިވާ އަނިޔާ އާއި ގެއްލުން ތަހުގީގު ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް