އަނަސްގެ ކުށަކީ ލައިގެން ހުރި ޓީޝާޓު: ރައީސް ޔާމީން

ލިޓަސް ސާވިސް ސެންޓަރުތެރޭގައި އަނިޔާވެރި ގޮތަކަށް މިދިޔަ ހޯމަ ދުވަހުގެ ރޭ މަރަލި ރ. މީދޫ، މުހައްމަދު އަނަސްގެ ކުށަކީ ލައިގެން ހުރި ޓީޝާޓު ކަމަށް ރައީސް އަބްދުﷲ  ޔާމީން ވިދާޅުވެއްޖެ އެވެ. ރޭ ހުޅުމާލޭގ...

04 Aug 2017 | 08:08

ލިޓަސް ސާވިސް ސެންޓަރުތެރޭގައި އަނިޔާވެރި ގޮތަކަށް މިދިޔަ ހޯމަ ދުވަހުގެ ރޭ މަރަލި ރ. މީދޫ، މުހައްމަދު އަނަސްގެ ކުށަކީ ލައިގެން ހުރި ޓީޝާޓު ކަމަށް ރައީސް އަބްދުﷲ  ޔާމީން ވިދާޅުވެއްޖެ އެވެ.

ރޭ ހުޅުމާލޭގައި އޮތް "ފަހިވެނި" އިޖުތިމާއީ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަނަސް މަރާލީ އޭނާގެ ކުށަކުން ނޫންކަމަށެވެ. ރައީސް ވިދާޅުވީ އަނަސްގެ ކުށަކީ އެހެން ކުއްޖަކު ލައިގެން ހުރި ޓީޝާޓާއި ވައްތަރު ޓީޝާޓެއް ލައިގެން ހުރެވުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ މައުސޫމު މުޖުތަމައު މިގޮތަށް ހަރާބުވެގެން ދިޔުމަކީ މިސަރުކާރުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫނެވެ. އަދި މިފަދަ މުޖުތަމައުގެ ތެރޭގައި ހުރި ނުރައްކާތެރި، އަދި ކޮންމެހެންވެސް ނައްތާލަން ޖެހޭފަދަ ކަންތައްތަކާމެދު އިދިކޮޅު ފަރާތްތަކުން އަޑު އުފުލުމުގެ ބަދަލުގައި އެމީހުންގެ ވިސްނުން ހުންނަނީ މުޅިންވެސް ސަރުކާރާ ދެކޮޅަށްކަން ދޭހަވާގޮތަށް ރައީސް ވާހަކަފުޅު ދެއްކެވި އެވެ.

"އިހަށްދުވަހު އެންމެ ފަހުން މަރުވި ކުއްޖާ މަރުވީ ކީއްވެގެންތޯ؟ އޭނައެއް ނޫނޭ ކުށްވެރިވަނީ، އޭނަ ލައިފަ ހުރި ޓީޝާޓު ކުށްވެރިވަނީ. އެއީ އޭނަ ލައިފަހުރި ޓީޝާޓުގަ އެހެން ކުއްޖަކު ހުރެގެން އެއީ އެކުއްޖާކަމަށް ހީވެ، ކުއްޖެއްގެ ފުރާނައާ މަސްގަނޑާ ވަކިވެގެން އެދިޔައީ"  ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް އިދިކޮޅު ބައެއް ލީޑަރުން ވިދާޅުވި ނަމަވެސް މި ސަރުކާރުން  މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށެވެ.

އަނަސް ހަމަލާދީ ގްރޫޕަކުން އޭނާ މަރާލީ ލައިގެން ހުރެވުނު ޓީޝާޓުގެ ސަބަބުން ކަމެއް އަދި މިހާތަނަށް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އަނަސްގެ މަރުގެ މައްސަލައިގަ މީހަކު ހައްޔަރު ނުކުރާ ކަމަށް އިއްޔެވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އަނަސް މަރާލީ އެ ގްރޫޕުން މަރާލަން ޓާގެޓް ކުރި މީހާ ލައިގެން ހުރި ޓީޝާޓާއި ވައްތަރު ޓީޝާޓެއް ލައިގެން ހުރުމުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެކަން ހާމަކުރީ އަނަސްގެ އާއިލާގެ މީހަކު މީޑިއާގައި އެވެ.

އަނަސް މަރާލާފައިވަނީ މެޔަށާއި ކަރަށް ވަޅި ހަރައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަނަސްގެ ހަށިގަނޑުގެ 37 ތަނަކަށް ވަޅި ހަރާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް