މިނިވަން 50 ގެ މުނާސަބަތުގައި ފުލުހުންނަށް ދެވޭ މެޑަލް ރައީސް އަށާއި ނައިބު ރައީސް އަށް ދެއްވައިފި

މިނިވަން 50 ގެ މުނާސަބަތުގައި ފުލުހުންނަށް ދެވޭ މެޑަލް ރައީސް އަށާއި ނައިބު ރައީސް އަށް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މިނިވަން 50 ގެ މުނާސަބަ...

04 Aug 2015 | 07:02

މިނިވަން 50 ގެ މުނާސަބަތުގައި ފުލުހުންނަށް ދެވޭ މެޑަލް ރައީސް އަށާއި ނައިބު ރައީސް އަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މިނިވަން 50 ގެ މުނާސަބަތުގައި ފުލުހުންނަށް ދެވޭ މެޑަލް ރައީސް އަބްދުﷲ ޔާމީން އަށް ދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދުއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީ ބައިވެރިވެލެއްވިއެވެ.

މިނިވަން 50 ގެ މުނާސަބަތުގައި ފުލުހުންނަށް ދެވޭ މެޑަލް ނައިބު ރައީސް އަޙުމަދު އަދީބު އަބްދުލްޣަފޫރަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ ދެއްވައިފިއެވެ.

މިނިވަން 50 ގެ މެޑައްޔަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނަށް ޤައުމީ ފެންވަރުގައި ދެވޭ ޝަރަފުގެ ނިޝާނެއްގެ ގޮތުން މުޅިން އަލަށް ތަޢާރަފުކޮށްފައިވާ މެޑަލްއެކެވެ.

“މިނިވަން ފަންސާސް މެޑަލް” ގެ ގޮތުގައި މެޑައްޔެއް ފުލުހުންނަށް ދޭން ނިންމާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެގްޒެކެޓިވް ލެވެލްގައި މަޝްވަރާކުރުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސްގެ ލަފާފުޅުގެ މަތިންނާއި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބާއާއި ގުޅިގެން ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރުމުގެ ގޮތުންނެވެ.

އެގޮތުން ޖުލައި 26 ވަނަ ދުވަހާއި ހަމައަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ވަޒީފާގައި ދެމިތިބި ކޮންމެ ފުލުހުކަށް މި މެޑަލް ދިނުމަށް ނިންމައި، “މަގާމުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމާއި މަގާމު ދަށްކުރުމާބެހޭ” ޤަވާއިދަށް އިސްލާހު ގެނެވި ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް