މާލެ ސިޓީގެ މިސްކިތްތަކަށް ޒިޔާރަތްކުރައްވާ މިސްކިތްތަކުގެ ހާލަތު، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބައްލަވާލައްވައިފިއެވެ.
ބައެއް މީޑިއާ ތަކަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިނިސްޓަރުގެ ޒިޔާރަތަކީ މިސްކިތްތައް މިނިސްޓްރީގެ ދަށަށް ބަދަލުވުމުން މިސްކިތްތަކުގެ މިހާރުގެ ހާލަތު ބައްލަވާލެއްވުމަށް ކުރައްވާ ޒިޔާރަތެއް ކަމަށެވެ.
މާލޭގެ މިސްކިތްތަކާއި ގުޅޭ އެންމެހާ ކަންތައްތައް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ނަގައި އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރިކަން އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް މިދިޔަ ޖުލައިމަހުގެ 29 ވަނަ ދުވަހު އަންގާފައިވެއެވެ.
އޮފިޝަލް ވިދާޅުވީ މިނިސްޓަރު މިސްކިތްތަކަށް ޒިޔާރަތްކުރައްވަން ފެއްޓެވީ އިއްޔެ ކަމަށާއި މިއަދުވެސް ބައެއް މިސްކިތްތަކަށް މިނިސްޓަރު ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޒިޔާރަތްތަކުގައި މިސްކިތްތައް މަރާމާތުކުރުމަށް މިނިސްޓްރީގެ ފަރާތުން ކުރެއްވެން ހުރިކަންކަން ބައްލަވާނެ ކަމަށާއި ކުރިން މިސްކިތްތަކުގެ މަސައްކަތްކުރިއަށް ގެންގޮސްފައިވާ ގޮތްވެސް ބައްލަވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިސްކިތްތަކާއި ބެހޭ ހުރިހާ ކަމެއް އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވަނީ މިދިޔަ މަސްތެރޭގައި ލާމަރުކަޒީ ގާނޫނު ގެ 56 ވަނަ މާއްދާގެ (ށ) އަށް ގެނެވުނު އިސްލާހުގެ ދަށުންނެވެ. އެ އިސްލާހުގެ ދަށުން ސިޓީ ކައުންސިލުގެ ބާރުތަކާއި ސިޓީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ރައީސްއެވެ. ރައީސް ވަނީ އެހިދުމަތްތައް ކަނޑައަޅާ އެކަންތައްތައް ކުރުމަށް މިނިސްޓްރީތަކަށް އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް