އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރި ބައްޕައަކު 24 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފި

އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރި ބައްޕައަކު،  އާއިލާގެ މެމްބަރަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށް ސާބިތުވެ  24 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ޖަލަށްލުމަށް ޙުކުމް ކޮ...

04 Aug 2015 | 05:24

އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރި ބައްޕައަކު،  އާއިލާގެ މެމްބަރަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށް ސާބިތުވެ  24 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ޖަލަށްލުމަށް ޙުކުމް ކޮށްފައި ވަނީ ށ.ފުނަދޫ، ދިޔަރެސް، ޢަބްދުﷲ ސަޢީދު (48އ) ގެ މައްޗަށެވެ.

ފުލުހުން ހާމަކުރައްވާ ގޮތުގައި މި މައްސަލައާއި ގުޅިގެން ޢަބްދުﷲ ސަޢީދުގެ މައްޗަށް ދަޢުވާ ކޮށްފައި ވަނީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ މެއި މަހުގެ ކުރީކޮޅާއި ހަމައަށް އެކިދުވަސްމަތިން އޭނާގެ 16 އަހަރުގެ އަންހެން ދަރިއާއިމެދު ޖިންސީ ޢަމަލު ހިންގާފައިވާތީ، 12/2009 (ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ކަމަށް މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިފޯޓްގައި ވެއެވެ.

މި މައްސަލައިގެ ދަޢުވާގެ އަސްލަށް ޢަބްދުﷲ ސަޢީދު އިންކާރު ކޮށްފައިވީނަމަވެސް، ވަކީލަކު މެދުވެރިކޮށް ދިފާޢުވުމުގެ ފުރުޞަތަކަށް އޭނާ އެދިފައި ނުވާކަމަށް ޝަރީޢތް ނިމުނުގޮތުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާކަމަށާއި އަދި ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ މެޑިކަލް ލީގަލް ރެކޯޑްގައިވާގޮތުން 16 އަހަރުގެ އަންހެން ދަރިފުޅަށް ގަދަކަމުން ޖިންސީ ޢަމަލު ހިންގާފައިހުރިކަން އެގެން އޮންނަ ކަމަށްވެސް އެރިޕޯޓްގައިވެއެވެ.

މީގެ އިތުރުން 16 އަހަރުގެ އެ އަންހެންކުއްޖާގެ އުމުރުން 11 އަހަރުން ފެށިގެން ބައްޕަ އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރަން ފަށާފައިވާ ކަމަށާއި، ޖިންސީ ގޯނާގެ ސަބަބުން އުޅުމާއި އިޙްސާސްތަކަށް ބަދަލުއައިސް ކުއްޖާއަށް ނަފްސާނީގޮތުން އަސަރުކޮށްފައިވާ ކަމަށް ސައިކޮލޮޖިސްޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމްގައި ވަނީ ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށާއި، މައްސަލައިގެ ވަށައިގެންވާ ކަންތައްތަކުގެ މައްޗަށް ބާލާއިރު، މިއީ، ވަކި ޚާއްޞަ ޤާނޫނުތަކުން ތަޖުރީމް ކުރެވިފައިވާ ކުށެއްކަމާއި،އެ ޤާނޫނުގެ ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގައި ބަޔާންވެގެންވާ ބާވަތްތަކުގެ ހެކި ތަކުގެ ތެރެއިން 05 ބާވަތެއްގެ ހެއްކެއް މި މައްސަލައިގައި އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާރީއަތަށް ސާބިތުވާކަމަށެވެ.

މި މައްސަލާގައި 16 އަހަރުގެ އަންހެން ކުއްޖާގެ ބައްޕަ ޖިންސީ ޢަމަލު ހިންގާފައިވާކަމުގެ މައްޗަށް ހެކިބަސް ލިބިފައިވާތީ، ޢަބްދުﷲ ސައީދުގެ މައްޗަށް ޢާއިލާގެ މެމްބަރަކާއިމެދު ޖިންސީ ޢަމަލު ހިންގިކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން ށ.ފުނަދޫ، ދިޔަރެސް، ޢަބްދުﷲ ސަޢީދު 24 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމްގައި  ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް