މިއީ އަވަށްޓެރި އިންޑިއާގެ ކެރެލާގެ މަލައްޕޫރަމްގައި އިއްޔެ ހިނގި ވަރަށްވެސް ތަފާތު ކަމެއްގެ ވާހަކައެވެ.
ފޮޓޯއިން އެ ފެންނަ، އުމުރުން މިހާރު 52 އަހަރުގެ މުހައްމަދު އަލީ ކެރެލާގެ މަލައްޕޫރަމް ޑިސްޓްރިކްޓްގެ ފުލުސް އޮފީހަށް ގޮސް އިޢުތިރާފުވީ އޭނާ މީގެ 38 އަހަރު ކުރިން، 1986ގައި މީހަކު މަރާލި ކަމަށެވެ.
އޭރު އޭނާއަށް ވާނީ 14 އަހަރުކަން ފާހަގަކުރަމުން މުހައްމަދު އަލީ ބުނެފައިވަނީ އެކަމަށް އިޢުތިރާފުވެ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވާން ނިންމީ މި ފަހުން އޭނާގެ ޢާއިލާއަށް ދިމާވަމުން އަންނަ ކަންތައްތަކާއި ދެރަވެ ހިތާމަކޮށް ރޭގަނޑު ހަމަ ނިދި ނުލިބި ހަޔާތް އެފުށް މިފުށަށް ޖެހޭކަމުގެ އިހުސާސް ކުރެވޭތީ ކަމަށެވެ. އެގޮތުން އޭނާގެ ދޮށި ފިރިހެން ދަރި މި ފަހުން މަރުވުމާއި އަދި ހަގު ފިރިހެން ދަރި އެކްސިޑެންޓެއްގައި ސީރިއަސް ހާލަތަކަށް ދިއުމުން އެކަންކަމާ ކަންބޮޑުވެ ހާސްވެ ވިސްނި ހަމަނިދި މިހާރު ނުލިބޭ ކަމަށް ބުނެފައިވެއެވެ.
"ކޫދަރަންޖީ ވިލެޖުގައި އުޅެނިކޮށް އެއް ދުވަހަކު މީހަކު އަހަންނާ ފޮށުނީ، ދެން އަހަރެން އަމިއްލަ ދިފާއުގަ އެމީހާ އެތާ އޮތް ފެންގަނޑަކާ ދިމާލަށް ކޮއްޕާލީ، ދެ ދުވަސް ފަހުން ގޮސް ބެލި އިރު އެމީހާގެ ހަށިގަނޑު އެ ފެންގަނޑުގައި އޮތް، އެހެނަސް އެކަކު ގާތުވެސް އެ ވާހަކައެއް ނުބުނަން" މުހައްމަދު އަލީ ބުނިކަމަށް އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެއީ ވަރަށް ކުރިން ހިނގި ހާދިސާއެއް ކަމަށްވާއިރު އެ ހާދިސާގައި އެމީހާ މަރުވީ މީހެއްގެ އިހުމާލެއް ނެތި ކަމަށް އޭރު ނިންމާފައި އޮތީ އެއީ ފިޓު ޖެހޭ މީހަކަށް ވާތީ ކަމަށެވެ. އަދި މުހައްމަދު އަލީ މިހާރު އެކަމަށް އެއްބަސްވުމުން އަލުން މައްސަލަ ބަލަންފަށާފައިވާކަމަށްވެސް އިންޑިއާގެ ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް