ރަހީނުކުރި މައްސަލައިގާ ސައީދު ޝަރީއަތް ނިމެންދެން ބަންދަށް – ނުރައްކާތެރި ހަތިޔާރަކުން އަނިޔާކުރިކަމަށް ތުހުމަތު !

މާލޭ ގެއެއްގެ ތެރޭގައި ދިވެއްސަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއްގައި ހައްޔަރުކުރި އައްޑޫ ސިޓީ ފޭދޫ ސުވާސާގޭ އުމުރުން 48 އަހަރުގެ އިބްރާހިމް ސައީދު، މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދު ކުރު...

04 Jul 2025 | 15:15

މާލޭ ގެއެއްގެ ތެރޭގައި ދިވެއްސަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއްގައި ހައްޔަރުކުރި އައްޑޫ ސިޓީ ފޭދޫ ސުވާސާގޭ އުމުރުން 48 އަހަރުގެ އިބްރާހިމް ސައީދު، މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ސައީދުގެ ބަންދުގެ އަމުރުގައި ބުނެފައިވަނީ ތުހުމަތު ކުރެވޭ ކުށް ސައީދު ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރެއްގެ ހެކި ލިބިފައިވާކަމަށެވެ.

"އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި، ހެކީންގެ ބަޔާނާއި، އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާގެ ފޮޓޯ އަދި އިންޓެލިޖެންސް ރިޕޯޓް ހުށަހަޅާފައިވޭ" ބަންދު އަމުރުގައި ވެއެވެ.

ބަންދު އެ އަމުރުގައި އިތުރު ބަޔާނުގައި ބުނެފައިވާގޮތުގައި ސައީދަކީ ކުށުގެ ރެކޯޑު އޮންނަ ފަރާތެކެވެ. އަދި އެކަމަކީ އިތުރު ބައެއްގެ ބައިވެރިވުން އޮވެގެން ހިންގާފައިވާ އަމަލެއް ކަމުގައި ބެލެވޭކަމަށާއި އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާތަކަށް ބަލާއިރު، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައިވާކަމަށް ބެލެވޭ ކަމަށްވެސް ބަންދު އަމުރުގައިވެއެވެ.

ފުލުހުން އިއްޔެ ބުނެފައިވާގޮތުގައި އެ މައްސަލައަކީ ބުދަ ދުވަހު ހުށަހެޅުނު މައްސަލައެކެވެ.

ބުރާސްފަތި ރަހީނުވެފައިވާ ފަރާތް ސަލާމަތްކޮށް ކުށުގެ ވެށިން ސައީދު ހައްޔަރުކޮށްފައިވާއިރު ރަހީނުވެފައިވާ ފަރާތަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި އެއީ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން އިއްޔެ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް