ސަމާ އަކީ ވަރަށް ބަސްއަހާ މަޑުމައިތިރި މިޒާޖެއްގެ ހިތްހެޔޮ ކުއްޖެކެވެ. މަނިކުއާއި ވަސީމާއަށް ލިބިފައިވާ ހަމައެކަނި ދަރިއެވެ.
އެ ދެމަފިރިން ސަމާ ބަލާ ބޮޑު ކުރީ ނުހަނު ލޯބިންނެވެ. އިސްލާމްދީނުގެ މަތިވެރި ތަރުބިއްޔަތުގެ މަތީގައެވެ. ލޮލުގެ ނޫރުފަދަ އެދަރިފުޅުގެ ކޮންމެ ހިތާމައަކާއި އުފަލެއްގަވެސް އެދެމަފިރިން ބައިވެރިވެއެވެ. ދިމާވާ ކޮންމެ ކަމެއްގައިވެސް ހެޔޮނުބައި ވިސްނައިދީ ހިތްވަރު ދޭންވެސް އެންމެ ގާތުގައި ތިބެނީ ހަމަ އެދެމަފިރިންނެވެ.
ވަސީމާއާއި މަނިކު ތިބީ ފްލައިޓް ޖައްސާނެ އިރަކަށް ކެތްމަދުވެފައެވެ. ލަންކާއިން ނާސިން ޑިގްރީ ހަދައިގެން ސަމާ މިއަދު ރަށަށް އަންނަނީއެވެ. މަންމަ ފަހުރުވެރި ވާ ވަރުގެ ކުއްޖަކައް ސަމާ ވުމަށް ވި ވައުދުތައް މިހާރުވެސް ވަސީމާގެ ސިކުނޑީގައި ހަރުލާފައިހުއްޓެވެ.
"ހީވޭތަ ސަމާ މިކަމާ ރުހޭނެހެން؟... އަހަރެންގެ ހިތް ބުނަނީ އޭނަ ގަބޫލެއް ނުވާނެޔޭ..ނޭނގޭ ކީއްވެކަމެއް." ވަސީމާ ވާހަކަ ދެއްކީ ނުތަނަވަސްކަމާއެކީއެވެ. މަނިކު ވަސީމާ އަތުގައި ހިފާލިއެވެ. " ކީއްވެ ނުވާންވީ؟ ހިޔެއްނުވޭ ސަމާއަކަށް އަހަރުމެންގެ ނިންމުމަކާ ދެކޮޅުހަދަން ކެރިދާނެހެން...އޭނާ އަހަރުމެންގެ ހިތުގައި ޖެހޭވަރުގެ ކަމެއް ނުކުރާނެ." މަނިކު ބެލީ ވަސީމާ ހިތްހަމަ ޖައްސައިދެވޭތޯއެވެ.
-----------------------
"ކީއްވެ ނުކުރަންވީ...އެމީހުންގެ ހިތުގަ ޖެހުނަސް މަށަށް ހެޔޮ ....މީ މަގޭ މިނިވަންކަމެއް...އޭ... މަފަހުން ގުޅާނަން...މިހާރު އެރައިވަލްސް ގޭޓުން މި ނުކުންނަނީ." ސަމާ ވާހަކަ ދެއްކީ ފޯނުންނެވެ.
ޓްރޮލީ ދުއްވަމުން ގޭޓުން ނިކުމެވުނުއިރު ކުރިމަތީގައި ތިބި ވަސީމާއާއި މަނިކުގެ ލޯ މުދުނަށްއަރައިގެން ދިޔައެވެ. އެދެމީހުންވެސް ތިބީ ބަސް ހުއްޓި ތަން މިނަށް އަނގަ ހުޅުވިފައެވެ.
ސަމާ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކުރިން ބުރުގާއެޅި ސަމާ މިހާރު އެ ހުރީ ބުރުގާ ނަގާފައެވެ. ބޮލުގައި ކުލަ ޖައްސާލާފައި ވާއިރު ލައިގެންހުރީ އަތް ކުރު ޓޮޕަކާއި ކަކުލާހަމައަށް ފޯރާ ވަރުގެ ސްކާޓެކެވެ. ބަނޑުގެ ބޮޑުބައެއް ހާމައަށް އޮތް އިރު ފޫޅުވެސް ހުރީ ތޮރުފާ ބޮޅެއް ލައްވާފައެވެ. މަނިކު ލަދުން އިސްދަށަށް ޖަހައިލިއެވެ. ވަސީމާގެ ލޭ ކެކިގަތެވެ. ރުޅިގަނޑު އެތެރެއަށް ހިންދާލަމުން ސަމާއާއި ދިމާލަށް ހިގައިގަތެވެ.
ޓެކްސީ މިސްރާބުޖެހީ ފަސްހިޔާމަންޒިލަށެވެ. ގެއަށް ވަދެވުމާއެކު މަނިކު ފޮށިތައް ވައްދަން ފެށިއެވެ. ސަމާ އެދިޔަގޮތައް ގޮސް ކޮޓަރިޔަށް ވަދެ ދޮރު ލައްޕާ ތަޅުލިއެވެ. އަދި އަތްދަބަހުން ފޯނުނަގާ ނަމްބަރަކަށް މެސެޖެއް ކޮށްލިއެވެ. " ދެންމެ ގެއަށް މިއާދެވުނީ... މިސް ޔޫ... ކާންޓް ވެއިޓް ޓު ސީ ޔޫ...މިރޭ ދާނަން....ރަސްފަންނަށް އެގާރަޖަހައިރަށް ."
ދުވަސްތައް ފަށްވަމުން ދެއެވެ. ރައްޓެހިންނާއި ބައްދަލުކުރުމުގެ ނަމުގައި އޭނާގެ ލޯބިވެރިޔާ އައްސަދުއާއި ސަމާ ދިޔައީ ބައްދަލުކުރަމުންނެވެ. އޭނާގެ މައިންބަފައިން ކެނޑިނޭޅި ދެމުން ދިޔަ ނަސޭހަތްތަކުގައި ކޮޅު ފައިންޖަހާ އުފަލާއި މަޖަލުގައި ސަމާ ދިޔައީ ޣަރަގުވަމުންނެވެ.
އެއްދުވަހުގެ ހަވީރު ވަގުތެވެ. ސަމާ ސައިބޯން ބަދިގެއަށް ވަން އިރު ވަސީމާ އިނީ ސައިބޯށެވެ." އާދެބަ އިހަށް މިތާ އިށީންނަން... މަންމަ ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެފައި އެބޮތް." ވަރަށް ފޫހިގޮތަކަށް ސަމާ ގޮނޑީގައި އިށީނދެލިއެވެ. އަދި ފޯނުން ފޭސްބުކަށް ވަދެ ހާވަން ފެށިއެވެ. ވަސީމާ ބޯ ހޫރާލާފައި ޕިސް ޕިސްއެއް ކަޑާލިއެވެ.
"ކޮއެފުޅާ... ކިހިނެޠްތަ މިހާރު ތި އުޅެނީ....މަންމައަކަށް އެއްގޮތަކަށެއްވެސް ކަމަކު ނުދޭ....އަބަދު ބޭރުގަ....ދީނީ ކަންކަމުގަވެސް ފަރުވާ ކުޑަވަނީ....ތިހުންނަ ގޮތްވެސް.... ދެން އެވާހަކަ ބާއްވާ...މިހާރު އުޅޭ ކުދިންނަކަށް މައިންބަފައިން ނުވޭ އެއްވެސް އެއްޗަކަށް....މަންމަ ބުނީ ސަމާވެސް މިހާރު ތިހިރީ މީހަކާ އިންނަވަރު ވެފަޔޭ....ބައްޕަގެ ރައްޓެހި ހަސަނުގެ ނާއިލް އަކީ ނުލާހިކު ރަނގަޅު ދީންވެރި ހެޔޮލަފާ ކުއްޖެއް... ދަރިފުޅުމެންގެ ކައިވެނި ކުރުވަން މަންމަމެން ނިންމައިފިން."
ސަމާގެ އަތުން ފޯނު ދޫވެގެން ޓައިލްސް މައްޗައް ވެއްޓުނެވެ. ފޯނު ޖެހުނު ގޮތަކުން ޑިސްޕްލޭވެސް ތަޅައިގެން ދިޔައެވެ." އަހަރެން އަދި ނުވޭ މީހަކާ އިންނާކަށް...!!!!! " އައި ރުޅީގައި ހަޅޭއްލަވައިގަންނަމުން ފޯން ނަގައިގެން ގޮސް ކޮޓަރިއަށްވަދެ ބަންލާފައި ދޮރު ޖެހިއެވެ.
ފުރަމާލޭގެ އެތަން މިތަނުން ފުރަ ދަންވަރާއި މެންދަމު ސަމާއާއި އައްސަދު ގެންދިޔައީ މާ ފޮޅުވަމުންނެވެ. އެންމެ ފަހަރަކުވެސް ބަނޑުއަޅާ ވިހެއި މައިމީހާ ގެ ހިތަށް ކުރާނެ އަސަރެއްވެސް ހިތަށް އަރުވާ ނުލާ ތާނގައި ހިތު ހުރިހާ ގޮތަކަށް އުޅެމުންގެންދިޔައެވެ. ބުނެއެއްނޫންހެއްޔެވެ؟ ލޯތްބަކީ ކަނު އެއްޗެކެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއެވެ. އާނއެކެވެ. ސަމާ އަށްވެސް އައްސަދުގެ ކިބައިގައި ހުރި އައިބުތައް ނުފެނުނީއެވެ. ސަމާ ބަދަލުވާން ޖެހުނު އެންމެ ބޮޑު ސަބަބަކީވެސް އައްސަދެވެ. އެންމެ ފުރަތަމަވެސް އައްސަދު އެދުނީ ސަމާގެ ފަރާތުން ސަމާ ބުރުގާ ނެގުމަށެވެ. އަދި އައްސަދަށް އެންމެ ކަމުދާ ސްޓައިލަށް ކުރު އެއްޗެހި ލާ ބޮލުގައި ކުލަ ޖެއްސުމަށެވެ. ސަމާ އޭނާގެ ފޫޅު ތޮރުފީވެސް އައްސަދު ދެކެ ވާ ލޯބި ހާމަކުރުމުގެ ގޮތުންނެވެ. ނުވި ތާކަށް ކިޔެވުންވެސް ހުއްޓާލީއެވެ. ކިޔެވުމުގެ ބަދަލުގައި ލަންކާގައި ސަމާ ދިޔައީ ސްކައިޕުން އައްސަދާއި އެކު ފާޙިޟް އަމަލުތައް ހިންގަމުންނެވެ.
--------------------------------
ދުވަސްތައް ފާއިތުވަމުންގޮސް މަސްތަކަށް ބަދަލުވެ އަހަރެއް ވެއްޖެއެވެ. ސަމާ ޖަލުގެ ތޭރިތަކުން ބޭރު ބަލަން އޮތެވެ. މިނިވަންވާނޭ ދުވަހަކަށް އިންތިޒާރުކުރެވެއެވެ. އައްސަދު މަސްތުވާ ތަކެއްޗާއެކު ހައްޔަރު ކުރިއިރު ސަމާވެސް އެކަމުގައި ބެދުނީއެވެ.
މިހާރު އޭނާގެ ހިތަށް އަރައެވެ. މައިންބަފައިންގެ ބަސް އެހުނު ނަމައެވެ. އެނަސޭހަތްތަކަށް ބީރު ކަންފަތެއް ނުދެވުނުނަމައެވެ. ފުރިހަމަ ތައުބާއަކުން ތައުބާވެ ހިތުގައި ވަރުގަދަ އަޒުމެއް ސަމާ ކަނޑައެޅީ ސަލާމަތްވީހާ އަވަހަކަށް ގޮސް މަންމައާއި ބައްޕަގެ ކިބައިން މާފަށް އެދި އެ މަންމައާއި ބައްޕަ ފަހުރުވެރިވާ ފަދަ ރަނގަޅު ސާލިހު ކުއްޖަކަށް އަލުން ވުމަށެވެ.
ނިމުނީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް