މެދުކެނޑުމެއްނެތި ފާއިތުވި ހަތަރު އަހަރު ކަރަންޓު ނަރު ވަގަށް ނެގުމުގައި އުޅުނު މީހަކު ހައްޔަރު !

މެދުކެނޑުމެއްނެތި ފާއިތުވި ހަތަރު އަހަރު ކަރަންޓު ނަރު ވަގަށްނެގުމުގައި އުޅުނު މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ. މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، އަންދާޒާ، އުމ...

04 Jul 2025 | 10:13

މެދުކެނޑުމެއްނެތި ފާއިތުވި ހަތަރު އަހަރު ކަރަންޓު ނަރު ވަގަށްނެގުމުގައި އުޅުނު މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފިއެވެ.

މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، އަންދާޒާ، އުމުރުން 29 އަހަރުގެ މުޙައްމަދު ނިޝާންއެވެ.

އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު ބަންދު އަމުރުގައި ބުނެފައިވަނީ ދަރުބާރުގޭގެ ގޯތިތެރޭގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ކަރަންޓު ނަރު ބުރިކޮށް ވައްކަންކުރިކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

"މީނާގެ ބަހަކީ އެތާ ހުރީ ރައްޓެއްސަކު ބުނެގެން ކަމަށް، ނަމަވެސް ހާދިސާގެ ރިޕޯޓުން އެނގޭގޮތުގައި އޭނާ އެތާހުރީ އެތާ އެކަނި" ބަންދު އަމުރުގައި ބުނެފައިވެއެވެ.

އޭނާ އެތަނުގައި ކަރަންޓު ނަރު ބުރިކުރަން ހުއްޓާފެނިގެން އޭނާ ހުއްޓުވަން އުޅުމުން، ދުވެފިލަން މަސައްކަތްކޮށްފައިވާކަށާއި އޭނާ ހުއްޓުވާފައިވަނީ އާންމުންގެ އެހީތެރިކަމާއެކު ކަމަށާއިއަދި އޭނާ ހުއްޓުވިއިރުވެސް ވަޔަލަންޓްކޮށް އުޅުނު ކަމަށް ހާދިސާގެ ރިޕޯޓުގައި ބުނެފައިވާއިރު ކުށުވެށިން ކަޓަރަކާއި ރެންޗެއް ފެނިފައިވާކަމަށްވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.

ބަންދު އަމުރުގެ އިތުރު ބަޔާނުގައިބުނެފައިވަނީ އޭނާ އަކީ ފުލުހުންނަށް އެއްބާރުލުން ދޭ ފަރާތެއް ކަމުގައިވާތީ، އޭނާގެ ބަންދަށް ލުއިގޮތެއް ހަދައިދީ އޭނާ ދޫކޮށްލުމަށް އޭނާ އެދިފައިވާކަމަށާއި މި މައްސަލައިގާ އޭނާ އާ ސުވާލުކުރުމުން ހަނުހުރުން ތަހުގީގުގައި ހަނުހުރުން އިހުތިޔާރުކޮށްފައިވާކަމަށެވެ.

އޭނާއަކީ ތަކުރާރުކޮށް އެއްބާވަތެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތެއްކަން ފާހަގަކޮށް ބަންދު އަމުރުގައި އިތުރަށް ބުނެފައިވަނީ އެގޮތުން 2021 ޖޫން، 2023 ޖުލައި، 2024 ޖަނަވަރީ، 2024 އޮކްޓޯބަރު، 2025 މެއިގައި އެކި ތަންތަނުން ކަރަންޓު ނަރު ވަގަށް ނެގުމުގެ ރެކޯޑުތައް ހިމެނޭ ކަމަށްވެސް ބަންދު އަމުރުގެ އިތުރު ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް