އަފްޢާނިސްތާނުގެ ޠާލިބާނު ސަރުކާރު ބަލައިގަތް ފުރަތަމަ ޤައުމަކަށް ރަޝިޔާ

ރަޝިޔާ އިން އަފްޣާނިސްތާނުގައި ޠާލިބާނުން އުފައްދާފައިވާ ސަރުކާރު ރަސްމީކޮށް ބަލައިގަންފިއެވެ. ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު އިޢުލާނުކުރި ގޮތުގައި، ކާބޫލްގައި ހުރި ޠާލިބާނުން ޢައްޔަން...

04 Jul 2025 | 09:33

ރަޝިޔާ އިން އަފްޣާނިސްތާނުގައި ޠާލިބާނުން އުފައްދާފައިވާ ސަރުކާރު ރަސްމީކޮށް ބަލައިގަންފިއެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު އިޢުލާނުކުރި ގޮތުގައި، ކާބޫލްގައި ހުރި ޠާލިބާނުން ޢައްޔަންކޮށްފައިވާ ސަފީރުގެ ކްރެޑެންޝަލްސް ބަލައިގަނެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. ރަޝިޔާގެ ސަފީރު ޑިމިޓްރީ ޒިރްނޮވްއާއެކު ބޭއްވުނު ބައްދަލުވުމެއްގައި، އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރު އަމީރު ޚާން މުއްތަޤީ މި ނިންމުމަށް މަރުޙަބާ ކިޔައި، މިއީ "ހިތްވަރުގަދަ" އަދި "އެހެން ފަރާތްތަކަށް މިސާލަކަށްވާނެ" ކަމެއް ކަމުގައި ވިދާޅުވިއެވެ.

މި ފިޔަވަޅު އެޅުނީ ރަޝިޔާގެ ސުޕްރީމް ކޯޓުން މި އަހަރުގެ އޭޕްރިލް މަހު ޠާލިބާނުން ޓެރަރިސްޓް ޖަމާޢަތްތަކުގެ ރަސްމީ ލިސްޓުން އުނިކުރުމަށްފަހުގައެވެ. މި ލިސްޓުގައި ޠާލިބާނުން ހިމަނާފައިވަނީ 2003 ވަނަ އަހަރުން ފެށިގެންނެވެ. ޠާލިބާނުން އަލުން ވެރިކަމަށް އައުމަށްފަހު، ރަޝިޔާއިން ވަނީ އެ ޖަމާޢަތުގެ ލީޑަރޝިޕްއާއެކު ގުޅުން ބަދަހިކޮށް، އިޤްތިޞާދީ ފޯރަމްތަކުގައި އެ ޖަމާޢަތުގެ އޮފިޝަލުންނަށް ދަޢުވަތުދީ، އަދި ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރގޭ ލަވްރޮވްއާއެކު ބައްދަލުވުންތައް ބާއްވަމުން ގޮސްފައެވެ.

ރަޝިޔާގެ ރައީސް ވްލަދިމީރު ޕުޓިން ވަނީ ޠާލިބާނުންނަކީ އައިސިސް-ކޭއާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި ބައިވެރިންގެ ގޮތުގައި ސިފަކުރައްވާފައެވެ. އައިސިސް-ކޭއަކީ އަފްޣާނިސްތާނާއި ރަޝިޔާގައި ހަމަލާތައް ދީފައިވާ ޖަމާޢަތެކެވެ. އަދި މޮސްކޯއިން ވަނީ އަފްޣާނިސްތާނު އެ ސަރަޙައްދުގެ ވިޔަފާރިއާއި ގޭސް ޓްރާންސިޓް ހަބެއްގެ ގޮތުގައި ބޭނުންކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

އެހެން އެއްވެސް ޤައުމަކުން ޠާލިބާނު ސަރުކާރު ރަސްމީކޮށް ބަލައިގަނެފައެއް ނުވެއެވެ. އަދި އދ އިން ވެސް އެ ފަރާތްތަކަށް ރިފަރކުރަނީ "ޑީ ފެކްޓޯ އޮތޯރިޓީސް" ގެ ގޮތުގައެވެ. އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުން ވަނީ އަފްޣާނިސްތާނުގެ އެސެޓްތައް ފްރީޒްކޮށް، އަދި އިންސާނީ ޙައްޤުތަކާ ގުޅޭ ކަންބޮޑުވުންތަކުގެ ސަބަބުން ޠާލިބާނު ލީޑަރުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް