މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ފަހު ޙައްޖުވެރިންގެ ހަތަރު ވަނަ ގަރޫޕް ރާއްޖެ އައިސްފިއެވެ.
ރާއްޖެއިން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައީ 1،150 މީހުންގެ ތެރެއިން 1،149 މީހަކު ވަނީ ޙައްޖުގެ އަޅުކަން އަދާކޮށްފަ އެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން އެނބުރި އައިސްފައި ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕްއައީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގައެވެ. އެ ގްރޫޕްގައި ރާއްޖެއައީ 296 މީހުންނެވެ. އަދި މި މަހުގެ 28 ވަނަ ދުވަހު 352 ހައްޖުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.
ޑޮކްޓަރުންގެ ލަފަޔާއެކު، ޙައްޖުވެރިންގެ ތެރޭގައި ތިބި ބަލި މީހުން ރާއްޖެ ފޮނުވުމުގެ ގޮތުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ ޚާއްސަ ފްލައިޓެއްގައި 25 މީހަކު ރާއްޖެ ގެނެސްފަ އެވެ. އަދި މިމަހުގެ 1 ވަނަ ދުވަހު 316 މީހަކު އައިރު މިއަދު ރާއްޖެ އައިސްފައި ވަނީ 137 ޙައްޖުވެރިންނެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ، ޙައްޖުވެރިންގެ ތެރެއިން ބަލި ދެ މީހަކު އަދި މައްކާގައި އެބަތިބި ކަމަށެވެ. އަދި އެ މީހުންގެ އާއިލާގެ މީހުން ވެސް މައްކާގައި މަޑުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް