ޑޮލަރުގެ ވަގު ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު އަތުލައިގެންފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އެގޮތުން އިމިގްރޭޝަނުން ބުނެފައިވަނީ މާލޭގައި ޤާއިމުކޮށްފައިވާ ޑޮލަރު އޭޓީއެމް ސަރަހައްދުގައި ރޭގެ އިރާކޮޅު ވަގުތެއްގައި ޚާއްޞަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށްގެންދެވުނު ކަމަށާއި އެ އޮޕަރޭޝަންގައި ދެ ބިދޭސީއަކު އަތުލައިގަނެވުނު ކަމަށެވެ.
ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ އެ އޮޕަރޭޝަންގައި އަތުލައިގެންފައިވަނީ ބާބޫ މިއާ ކިޔާ މީހަކާއި މޮހަމަދު މޮކަންދަލީ ކިޔާ މީހެކެވެ. މި ދެމީހުންނަކީވެސް ބަންގްލަދޭޝް އަށް ނިސްބަތްވާ ދެމީހުންނެވެ. މި ދެމީހުން އަތުލައިގަތްއިރު ދެމީހުންވެސް ދިޔައީ ޑޮލަރު ވިއްކުމުގެ މުޢާމަލާތުތައް ކުރަމުން ކަމަށެވެ.
މީގެ އިތުރުން އިމިގްރޭޝަނުން ބުނެފައިވާގޮތުގައި މިފަދަ މައްސަލައެއްގައި މި އަހަރުގެ މާރިޗް މަހު އަތުލައިގަތް ހަ ބިދޭސީއަކު މިހާރު ވަނީ ޑީޕޯޓްކޮށްފައެވެ. މާރިޗް ނުވައެއްގައި ޑީޕޯޓްކޮށްފައިވާކަމަށް ބުނެފައިވާ ހަ ބިދޭސީންނަކީ މުހައްމަދު އަބުލް ކާސިމް ނަމަކަށް ކިޔާ މީހަކާއި އައިމޮން ޚާން ނަމަކަށް ކިޔާ މީހަކާއި މުހައްމަދު ޖުމޯން މިއާ ނަމަކަށްކިޔާ މީހަކާއި އެމްޑީ ސަނާއުﷲ ނަމަކަށްކިޔާ މީހަކާއި މޮނީރް ހޮސެން ނަމަކަށް ކިޔާ މީހެއްގެ އިތުރުން ނާސިރް ނަމަކަށް ކިޔާ މީހެކެވެ. އެ ހަ މީހުންނަކީވެސް ބަންގްލަދޭޝް އަށް ނިސްބަތްވާ ހަ މީހުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް