ކުރިއަރ ސާވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައިވާގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަނުގައި މާލެއިން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ޖުލައި މަހުގެ 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، ކުރިއަރ ސާވިސް މެދުވެރިކޮށް އޭނާ ހަވާލުވި ޕާރުސަލް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 20 ކާޓްރިޖް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް އެއީ ކޮން ކަހަލަ ކާޓްރިޖްތަކެއްކަން ފުލުހުން ބުނެފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށާއި އަދި ޑްރަގް އެންފޯސްމަންޓުން މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް