ވޯޓުލާ މީހުންގެ ރަޖިސްޓްރީއަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުޅުވާލައިފިއެވެ.
އީސީއިން ކުރި އިއުލާނެއްގައި ބުނީ، މިދިޔަ މަހުގެ 11 ވަނަ ދުވަހު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވުނު، ރިޔާސީ އިންތިޚާބު 2023 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް ޢާންމު ކޮށްފައިވާ ކަމަށެވެ.
މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓު، އީސީގެ ވެބްސައިޓު އަދި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ.
މީގެއިތުރުން (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ޗެކްކުރެވޭނެ ކަމަށް އީސީން ބުންޏެވެ.
މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ މިއަދުން ފެށިގެން، މި މަހުގެ 15 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ.
މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. އަދި ޝަކުވާ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އީސީގެ އިއުލާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް