ކަނޑުދަތުރު ކުރާއިރު ލައިފްޖެކެޓް އެޅުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފި

ކަނޑުދަތުރު ކުރާއިރު ލައިފްޖެކެޓް އެޅުމަށް ހެލްތް ޕްރޮޓެންޝަން އޭޖެންސީ (އެޗްޕީއޭ)އިން ހަނދާންކޮށްދީފިއެވެ. ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދަކީ ވިއްސާރަ އަދި ކަނޑުތައް ގަދަ ދުވަހެއް ކަމަށް މޯލްޑިވ...

04 Jul 2023 | 08:12

ކަނޑުދަތުރު ކުރާއިރު ލައިފްޖެކެޓް އެޅުމަށް ހެލްތް ޕްރޮޓެންޝަން އޭޖެންސީ (އެޗްޕީއޭ)އިން ހަނދާންކޮށްދީފިއެވެ.

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދަކީ ވިއްސާރަ އަދި ކަނޑުތައް ގަދަ ދުވަހެއް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ، ޗުއްޓީ ދުވަސްވަރަކީ ކަނޑު ދަތުރު އިތުރު ދުވަސްވަރަކަށް ވާތީ، ދަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަބަދުވެސް ލައިފްޖެކެޓް އެޅުމަށް އާދަކުރަންޖެހޭ ކަމަށެވެ.

އެގޮތުން ރަނގަޅަށް ފަތަން ދަންނަ މީހަކަށް ވާން ވާނެ ކަމަށާއި ކަނޑު ދަތުރު ކުރާއިރު ހުރިހާ ވަގުތެއްގައިވެސް ލައިފްޖެކެޓް އެޅުން މުހިންމު ކަމަށް އެޗްޕީއޭއިން ބުންޏެވެ.

"ލައިފް ޖެކެޓަކީ ދަތުރު ކުރުމުގައި ރައްކާތެރިވުމަށް ބޭނުންކުރެވޭނެ އެންމެ މުހިންމު ވަސީލަތް" އެޗްޕީއޭއިން ބުންޏެވެ.

މޫސުމީ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

“ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވޭ” މެޓުން ބުނެފައިވެއެވެ.

މިއަދު ކަނޑުތަކަށް ބަލައިލާއިރު އުތުރާއި މެދުރާއްޖޭގައި ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ރާޅުގެ އުސްމިން މިއަދު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ އުތުރާއި މެދުރާއްޖޭގައި ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދު އަދި ދެކުނުގައި ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައެވެ.

މިއަދު ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް