ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ މާދަމާރެއަށް ތާވަލު ކޮށްފިއެވެ.
ދަ ޑިމޮކްރެޓްސްގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ޑިމޮކްރެޓްސްއިން ބުނީ އެ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާރޭ 8:30 ގައި ޣިޔާޘުއްދީން ސްކޫލު ހޯލުގައި ކަމަށެވެ.
ޕާޓީ އުފެއްދުމަށް އީސީއިން ހުއްދަ ދީފައިވާއިރު އެ ޕާޓީ ރަޖިސްޓްރީ ކުރުމަށްޓަކައި އެ ޕާޓީން ވަނީ 3560 ފޯރު އިލެކްޝަންސް ކޮމިޝަނަށް، މިދިޔަ މަހުގެ ފުރަތަމަ ދުވަހު ހުށަހަޅާފައެވެ. އެ ފޯމުތައް ވެރިފައި ކުރުމަށްފަހު ޖަލްސާ ބޭއްވުމުގެ ހުއްދަ މިއަދު ދީފައިވާއިރު އެ ޖަލްސާ ބޭއްވުމުގެ ކުރިން ތިން ދުވަހުގެ ނޯޓިސް އެއް ޑިމޮކްރެޓްސް އިން އީސީއަށާއި މީޑިއާތަކަށް ދޭން ޖެހެއެވެ.
ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވާއިރު ޑިމޮކްރެޓްސް އިން މިހާރު އަންނަނީ ޕީޕީއެމް/ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލީޝަނާއެކު ސިޔާސީ މަޝްވަރާތައް ކުރަމުންނެވެ.
ދަ ޑިމޮކްރެޓްސް ޕާޓީއަކީ ރައީސް ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތް ކުރާ ޕާޓީއެއް ނަމަވެސް ރައީސް ނަޝީދު އަދި އެ ޕާޓީއާއި ގުޅިވަޑައިގެންފައެއް ނުވެއެވެ. އެހެން ނަމަވެސް އެ މަނިކުފާނު މިހާރު ވަނީ އެމްޑީޕީއިން ވަކިވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް