ގުރައިދޫ ދާއިރާ: މާލީ ބަޔާން ގާނޫނަށް ނުފެތޭތީ ތިން ކެނޑިޑޭޓުންނާއި އޭޖެންޓުން ޖޫރިމަނާކޮށްފި

މިއަހަރުގެ އޭޕްރީލް މަހުގައި ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް ވާދަކުރި ކެނޑިޑޭޓުންގެ މާލީ ބަޔާން ގާނޫނަށް ނުފެތޭތީ އިލެކްޝަންސް ކޮމިޝަނުން ހުރިހާ ކެނޑިޑޭޓުން ޖޫރިމަނާކޮށްފިއެވެ. އީސ...

04 Jul 2023 | 07:24

މިއަހަރުގެ އޭޕްރީލް މަހުގައި ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް ވާދަކުރި ކެނޑިޑޭޓުންގެ މާލީ ބަޔާން ގާނޫނަށް ނުފެތޭތީ އިލެކްޝަންސް ކޮމިޝަނުން ހުރިހާ ކެނޑިޑޭޓުން ޖޫރިމަނާކޮށްފިއެވެ.

އީސީގެ ނައިބުރައީސް އިސްމާއިްލް ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރެއްވި ތިން ކެންޑިޑޭޓުންގެ ފަރާތުން ހުށަހަޅާފައިވާ، މާލީ ބަޔާންތަކަކީ، އިންތިހާބުތަކާބެހޭ ޢާންމު ގާނޫނު ގެ 73 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުށަހަޅާފައިވާ މާލީ ބަޔާންތަކެއް ނޫން ކަމަށެވެ.

އެހެންކަމުން އެ ގާނޫނުގެ ދަށުން، ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ގައި ވާދަކުރެއްވި 3 ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ އިންތިޚާބީ އޭޖެންޓުން ކުރެ، ކޮންމެ ފަރާތެއް 6000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް، އީސީ އިން ނިންމައި، އެ ފައިސާ މި ޖުލައިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް ވަނީ ކެންޑިޑޭޓުންނަށް އަންގާފައެވެ.

"މާލީ ބަޔާނުގައި ގާނޫނު ލާޒިމްކުރާ މިންވަރަށް ފުރިހަމަ ވާންޖެހޭ ކަންކަން ފުރިިހަމަ ނުވާނަމަ، ކުރިޔަށް ހުރި އިންތިޚާބުތަކުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނާ މެދު ވެސް މިފަދައިން ޢަމަލުކުރާ ގޮތަށްވެސް ކޮމިޝަނުންވަނީ ނިންމާފައި" ހަބީބް ވިދާޅުވިއެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމުންނެވެ. ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މެލޭޝިއާގައި އެވެ.

އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކޮށްފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓު ހުސައިން ރިޒާއާއި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާޙިމް ޝާޒްގެ އިތުރުނއ އެމްއެންޕީން ވާދަކުރާ ކެންޑިޑޭޓް އަލީ އާރިފްއެވެ. އެ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކޯށްފައި ވަނީ ޝާޒްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް