އިއްޔެގެ ހެނދުނުން ފެށިގެން ފަލަސްތީނުގެ ޖެނިން އަށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ނުވައަކަށް އަރައިފިއެވެ.
ޖެނިން ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް އިޒްރޭލުގެ ފައުޖުތަކުން މި ފަހަރު ދިނީ ވައިގެ ހަމަލާތަކެކެވެ. އެ ހަމަލާތަކުގައި އަށް މީހަކު މަރުވެފައިވާއިރު ހަމަ މި އޮޕަރޭޝަންގެ ތެރެއިން އިތުރު މީހަކުވެސް މަރާލާފައިވާކަމުގައި ރިޕޯޓްކޮށްފައިވެއެވެ.
ޖެނިންގެ ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް ކަމަށްބުނެ އިޒްރޭލު ފައުޖުތަކުން ހަމަލާތައް ދެމުން އަންނަނީ އެ ކޭމްޕްތަކަކީ އިޒްރޭލާއި ދެކޮޅަށް ހަނގުރާމަވެރިން ފައްކާ ކުރުމާއި ހަތިޔާރު އުފައްދާ މަރުކަޒުތަކެއް ކަމަށް ބުނެއެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހު ޖެނިން އަށް ދިން ހަމަލާތަކެއްގައިވެސް ކުޑަކުއްޖަކު ހިމެނޭހެން ފަލަސްތީނުގެ ހަ މީހަކު މަރާލާފައިވާއިރު އިއްޔެގެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 50 އިން މައްޗަށް ގޮސްފައިވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޒަހަމްވި މީހުންގެ ތެރޭގައި ހާލު ވަރަށް ސީރިއަސް މީހުންވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.
އިޒްރޭލުން ބުނެފައިވަނީ 14 ގަޑިއިރަށް ކުރިއަށްގެންދިޔަ އެ އޮޕަރޭޝަންގައި 2000 އަށްވުރެ ގިނަ ސިފައިން ބައިވެރިވި ކަމަށާއި އެ އޮޕަރޭޝަންގައި ގިނަ ބަޔަކު ހައްޔަރު ކޮށް ގިނަ އަދަދެއްގެ ގޮވާތަކެއްޗާއި ހަތިޔާރުވެސް ޖެނިން ކޭމްޕް ސަރަހައްދުން ފެނުނު ކަމަށެވެ.
އިޒްރޭލާއި ފަލަސްތީނުގެ މަސްރަހުގައި މި އަހަރު އެކަނި ފަލަސްތީނުގެ 185 މީހަކު މަރާލާފައިވެއެވެ.
އިޒްރޭލުން ޖެހި ޖެހިގެން ޖެނިން އަށް ބޮޑު ދެ ހަމަލާއެއް ދީފައިވާއިރު އިޒްރޭލު ފަލަސްތީނުގެ މަސްރަހު އިތުރަށް ގޯސްވަމުން އަންނާތީ އެކަމުގެ ކަންބޮޑުވުން ނިމިދިޔަ ހަފްތާގެ ތެރޭގައި އދ އިން ފާޅުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް