މި ހަފްތާގައިވެސް ރޮނާލްޑޯ މެންޗެއްޓަރ ޔުނައިޓެޑުގެ ފަރިތަކުރުން ތަކަށް ހާޟިރެއް ނުވިއެވެ.
ނިމިގެން ދިޔަ ހަފުތާ އަންގާރަ ދުވަހުން ފެށިގެން ޕްރިސީޒަން ޓުވާއަށް ތައްޔާރު ވުމަށް ޔުނައިޓެޑުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. ފުރަތަމަ ފަރިތަކުރުމަށް ވެސް ރޮނާލްޑޯ ހާޟިރު ވެފައި ނުވާއިރު، ޔުނައިޓެޑުން ކުރިން ބުނީ ރޮނާލްޑޯއަށް ފަރިތަކުރުންތަކަށް ހާޟިރު ނުވެވުނީ ޕޯޗުގަލްގެ ގައުމީޓިމުގެ ފަރިތަކުރުން ތަކާއި ހެދި ކަމަށާއި އެހެން ނަމަވެސް މި ހަފްތާގެ ހޯމަ ދުވަހު ކުރިޔަށް ގެންދާ ޔުނައިޓެޑުގެ ފަރިތަކުރުންތަކަށް ރޮނާލްޑޯ ހާޟިރުވާނެ ކަމަށެވެ.
އެހެން ނަމަވެސް ހޯމަ ދުވަހު ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކަށް ވެސް ރޮނާލްޑޯ ހާޟިރުވެފައި ނުވެއެވެ. މިކަމާއި ގުޅިގެން ޔުނައިޓެޑުން ބުނީ ރޮނާލްޑޯ މިއަދު ފަރިތަކުރުން ތަކަށް ހާޟިރު ވެފައި ނުވަނީ އާއިލީ ސަބަބުތަކަކާއި ހެދި ކަމަށެވެ.
މިއަދުގެ ފަރިތަކުރުންތަކަށް ރޮނާލްޑޯ ހާޟިރު ވެފައި ނުވާއިރު، ޕްރިސީޒަންގައި ތައިލެންޑް އަދި އޮސްޓްރޭލިއާގައި ކުޅޭ މެޗުތަކަށް އެކުލަވާލި ޔުނައިޓެޑުގެ ސްކޮޑުގައި ވެސް ރޮނާލްޑޯ ހިމަނާފައެއް ނުވެއެވެ.
އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެން ބޭނުންވާތީ ރޮނާލްޑޯ ވަނީ ޔުނައިޓެޑުން އޭނާ ދޫކޮށް ދިނުމަށް ވެސް އެދިފައެވެ. ނަމަވެސް އެއީ އެހެން ކުލަބަކުން ރަނގަޅު ހުށައެޅުމެއް ލިބިއްޖެ ނަމައެވެ.
ނިމިގެން ދިޔަ ސީޒަނުގައި ލީގުގެ ހަވަނާގައި ނިންމާލި ޔުނައިޓެޑަށް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިފައި ނުވާއިރު، ޔުނައިޓެޑު ވާދަކުރަން ޖެހޭނީ ޔޫރޮޕާ ލީގުގައެވެ.
އެހެން ކަމުން ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށް ޗެމްޕިއަންސް ލީގު ކުޅޭ ރަނގަޅު ކުލަބަކަށް ބަދަލު ކުރުމުގެ މަސައްކަތް އޭނާގެ އެޖެންޓް ޖޯޖް މެންޑޭސް މިހާރުވެސް ދަނީ ކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް