25 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ހަވާލުކޮށްފި

25 ރަށެއްގެ ޓާފް ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެ ރަށްތަކާއި ހަވާލުކޮށްފިއެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ...

04 Jul 2022 | 11:36

25 ރަށެއްގެ ޓާފް ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެ ރަށްތަކާއި ހަވާލުކޮށްފިއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ޓާފް ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން މި ޑްރެގް ބްރަޝް މެޝިންތައް ރަށްތަކާއި ހަވާލުކުރުމަށް މިއަދު ވަނީ އެކުވެނި ސިންތެޓިކް ޓްރެކްގައި ރަސްމީޔާތެއް ބާއްވާފައެވެ.

ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ޑްރެގް ބްރަޝްތައް އެ ރަށްތަކާއި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަހުލޫފްއެވެ.

މި މެޝިންތައް ވިނަ ދަނޑުގައި ހެދޭ ވިނަތައް ކޮށުމަށާއި، ޓާފް ދަނޑުތަކުގައި ބްރަޝް އެޅުމަށް ބޭނުންކުރެ ވޭނެއެވެ.

ޔޫތް މިނިސްޓްރީން ޑްރެގް ބްރަޝް މެޝިންތައް ހަވާލުކުރި ރަށްތަކަކީ ހއ.އިހަވަންދޫ، ހއ.ދިއްދޫ، ހދ.ހަނިމާދޫ، ހދ.ނޮޅިވަރަމް، ހދ.ނެއްލައިދޫ، ށ.ފުނަދޫ، ށ.ފޯކައިދޫ، ނ.ކުޑަފަރީ، ނ.ވެލިދޫ، ނ.މަނަދޫ، ރ.ދުވާފަރު، ރ.މާކުރަތެވެ. އަދި ޅ.އޮޅުވެލިފުށި، ކ.ގުޅި، ކ.ގުރައިދޫ، އއ.ރަސްދޫ،

އދ.މާމިގިލި، ވ.ކެޔޮދޫ އަށްވެސް ވަނީ ހަވާލުކޮށްފައެވެ.

މީގެ އިތުރުން ދ.ކުޑަހުވަދޫ، ތ.ތިމަރަފުށި، ގއ.ވިލިނގިލި، ގދ.ތިނަދޫ އަދި ސ.ހުޅުދޫގެ އިތުރުން ސ.ފޭދޫ އަށް ވެސް ޑްރެގް ބްރަޝް މެޝިން ހަދިޔާ ކުރިއެވެ.

މި 25 ރަށުގެ އިތުރުން މިދިޔަ އަހަރުވެސް މި މިނިސްޓްރީން ވަނީ 12 ރަށެއްގެ ޓާފް ދަނޑުތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން އެ ރަށްތަކާއި ހަވާލުކޮށްފައެވެ. އެ ރަށްތަކަކީ، ފުވައްމުލައް ސިޓީ، ރ.އަލިފުށި، ދ.މީދޫ، ފ.ނިލަންދޫ، އދ.މަހިބަދޫ، ކުޅުދުއްފުށި ސިޓީ، ހއ.ހޯރަފުށި، ނ.ކެނދިކުޅުދޫ، ނ.ހޮޅުދޫ، ލ.ގަން އަދި ކ.މާފުށީގެ އިތުރުން ޅ.ހިންނަވަރެއެވެ.

ރާއްޖޭގެ ރަށްރަށުގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑުތައް އެޅުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިހާރުވެސް މިހާރު ގާތްގަނޑަކަށް 40 ދަނޑުގެ މަސައްކަތް ނިންމާލެވިފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 85 ދަނޑުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް