މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ހަރުކޮށް ނިމިއްޖެ

މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ހަރުކޮށް ނިމިއްޖެ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ ކައުންސިލުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރ ވިދާޅުވީ މި...

04 Jul 2022 | 11:24

މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ހަރުކޮށް ނިމިއްޖެ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ ކައުންސިލުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރ ވިދާޅުވީ މިއީ ސިޓީ ކައުންސިލްގެ އާމްދަނީ ބަޖެޓުން ކުރި މަސައްކަތެއް ކަމަށެވެ.

މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލްގެ އާމްދަނީ ބަޖެޓުގައި ހުރި ފައިސާއިން ވެސް ކުރެވޭ ކަމެއްވިއްޔާ ކުރަމުންދާނެ ކަމަށެވެ. އަދި މާލޭގައި ސީސީޓީވީ ނިޒާމް ގާއިމްކުރުމަކީ ކުރަން ނިންމާފައިވާ ކަމަށްވާއިރު އޭގެ ފުރަތަމަ ފިޔަވައްސެއްގެ ގޮތުގައި މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށް ނިންމާފައިވާ ކަމަށެވެ.

"އެކަންވެސް ކޮށްފައިވަނީ ސިޓީ ކައުންސިލްގެ އާމްދަނީ ބަޖެޓުން. ސަރުކާރުން އެކަމަށް ފައިސާއެއް ދީފާ ނުވާނެ." މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް ނިމި، އޭގެ ކޮންޓްރޯލް ރޫމް ހަދާ ނިމިފައިވާ ކަމަށާއި 24 ގަޑިއިރު މުވައްޒަފުންގެ ބެލުމުގެ ދަށުން މާލޭގެ ހުރިހާ މިސްކިތެއް ބެލެމުންދާނެ ކަމަށެވެ.

އެކަމުގެ ސަބަބުން މިސްކިތްތަކުގައި ނޭދެވޭ ކަމެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އެޅޭނެ ގޮތް ހަމަޖައްސާނެ ކަމަށާއި ފޮލިހާއެކު ސިޓީ ކައުންސިލުން ސޮއިކުރި ކޮންސްޓަބްލަރީ އެއްބަސްވުމުގެ ދަށުން ކޮންސްޓަބްލަރުންނަށް ވެސް މުސާރަ ދިނުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ އާމްދަނީ ފައިސާއިން ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ފޮލިސް ކޮންސްޓަބްލަރުން މިހާރު އެކަމަށް ބޭނުންވާ ތަމްރީން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އެ މިސްކިތްތައް ބެލުމާއި ޕާކްތަކާއި މަގުތައް ބެލުމަށް ސާޅީހަކަށް ޕޮލިހުން ތިބީ ތައްޔާރުވެފާ ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ ގޮތް ހުސްވެގެން ގެއަށް ނުވަންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް