ފެންނަމުން ދަނީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް އަވަސް އަރުވާލައިގެން މަޝްރޫއުތައް ނިންމާލާ މަންޒަރު: އެމްއެންޕީ

ފެންނަމުން ދަނީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި އަވަސް އަރުވާލައިގެން މަޝްރޫއުތައް ނިންމާލާ މަންޒަރު ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ. އެ ޕާޓީން މިހެން ބުނީ އެޕާޓީގެ...

04 Jul 2022 | 10:03

ފެންނަމުން ދަނީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި އަވަސް އަރުވާލައިގެން މަޝްރޫއުތައް ނިންމާލާ މަންޒަރު ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނީ އެޕާޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.

އެމްއެންޕީ ގެ އިންތިގާލީ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ އެ ޕާޓީން އަބަދުވެސް ތަރުހީބުދޭ ކަމެއްނަމަވެސް ފެންނަމުން ދަނީ އެއާއި މުޅީން ތަފާތު މަންޒަރެއް ކަމަށެވެ.

"ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި އަވަސް އަރުވާލައިގެން މަޝްރޫއުތައް ނިންމާލާ މަންޒަރު ފެންނަމުން މިދަނީ. އޭގެ ސަބަބުން ރަށްރަށުގެ ވެށިތަކަށް ލިބޭ ގެއްލުން ބޮޑުވެ، ނޭދެވޭ އަސަރު ކުރޭ." ނާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ އެގޮތަށް އެކަން ވަނީ އީޕީއޭގެ ލަފާގެ މަތިން މަޝްރޫއުތައް ނުހިންގާތީ ކަމަށެވެ. އަދި އީޕީއޭ އަކީ މިނިވަން މުއައްސަސާއަކަށް ނުވާތީ ކަމަށް ނާޒިމް ގަބޫލު ކުރައްވާ ކަަމށެވެ.

އީޕީއޭ އަކީ މިނިވަން މުއައްސަސާއަކަށް ހެދުމަށް، ސަރުކާރަށް ގޮވާލައްވާ ނާޒިމް ވަނީ އީޕީއޭގެ ލަފާގެ މަތިން މަޝްރޫއުތައް ނުހިންގާތީވެ، ރަށްރަށަށް ލިބޭ ގެއްލުން ބޮޑު ކަން ވެސް ފާހަގކުރައްވާފައެވެ.

އެގޮތުން މަޑަވެލި ހޯޑެއްދޫގެ މިފަހަރު މި އަރައިގެން ދިޔަ އުދައިގަ އެންމެ ބޮޑު އަސްލަކަށް ވެފަ އޮތީ އެތަނުގަ އެޅުނު ކޯސްވޭ ކަމަށާއި ކޯސްވޭ ހެދުމަށްޓަކައި ދީފަހުރި އިރުޝާދާ ޚިލާފަށް އެކަން ކޮށްފައިވާކަން ނާޒިމް ފާހަގަކުރެއްވިއެވެ.

" އެހެންވީމަ އަޅުގަނޑު ސަރުކާރަށް ދަންނަވަން އޮތީ މިފަދަ ކަންތައް ނުކުރައްވާށޭ، ރައްޔިތުންނަށް ލިބޭ ގެއްލުން އެހާމެ ބޮޑޭ، އަދި ރައްޔިތުންނަށް އިއާދަނުކުރެވޭ ގޮތުގަ އޭ އެކަން އެ ލިބިގެން ދަނީ." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮމަންޑޫގެ އިންތިޚާބުގައި މަތިކޮމަންޑޫ ގުޅާލަން ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ހިއްކާ ސަރަހައްދަށް ވެލި އަޅާލިއިރު، ފަރު ހަލާކުވެގެން ދިޔަ ކަމާއި، މީގެ ދޮޅު އަހަރު ކުރިން ހުޅުވި ހޯރަފުށި އެއަރޕޯޓަށް އެރި އުދައިގެ ސަބަބުން ގެއްލުން ވެފައިވާ ކަމަށާއި މިއީ ދައުލަތުގެ ފައިސާއިން ކުރަން ވާވަރުގެ ކަމެއް ނޫން ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް