އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ހުށަހަޅާފައިވާ ބިލަށް ތާއީދު ނުކުރާ ކަމަށް ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.
އެ ބިލު މަޖިލީހަށް ހުށެޅީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ. ބިލަށް އިސްލާހު ގެނެސް ކޮމިޓީ މަރުހަލާ ނިންމައި މިއަދު ވަނީ މަޖިލޙުގެ ތަޅުމަށް ފޮނުވާފައި އެވެ.
މިރޭ އެމްއާރުއެމްއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ގާނޫނުލްއަގޫބާތަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަށް ތާއީދު ނުކުރެވޭ ކަމަށް އެ ޕާޓީގެ އެކްސްކޯއިން ނިންމާފައިވާ ކަމަށެވެ. ބިލުގައި ހުރި ކަންބޮޑުވުންތައް އެޕާޓީން ސަރުކާރާއި ހިއްސާ ކުރުމަށް ނިންމާފައިވާ ކަމަށް ބުނެ އެވެ.
އެކަމަކު އެމްއާރުއެމްގެ ކަންބޮޑުވުންތަކުގެ ތަފްސީލް ދީފައެއް ނުވެ އެވެ. އަދި ބިލަށް ކޮމިޓީން ގެނެސްފައިވާ އިސްލާހާއި މެދު ދެކޭެގޮތް ވަކިން ހާމަކޮށްފައެއް ނުވެ އެވެ.
https://twitter.com/MRM_Office/status/1411656264338132996
މި ބިލަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީންވެސް ވަނީ ދެކޮޅު ހަދާފައި އެވެ.
މި ބިލު ތަޅުމަށް ފޮނުވާފައިވާއިރު ބިލުގައި އަދިވެސް ބޮޑެތި ކަންބޮޑުވުންތައް ހުރިކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން ބިލް އިސްލާހު ކުރުމުންވެސް އިސްލާމްދީނުގައި އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވާ ގިނަ ކަންކަން ހުންނައިރު، ވަކި ރައުޔުއެއްގެ މައްޗަށް ބިނާކޮށް ރާއްޖޭގައި އޮތް އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް އަމަލުކޮށް ބަސްބުނުމުގެ ޖާގަ ލިބޭ ކަމަށް ބުނެފައިވެ އެވެ.
މި ބިލަށް ހިޔާލު ހޯދާފައިވަނީ ޕީޖީ އޮފީސް، އިސްލާމިކް މިނިސްޓްރީ އަދި ހިއުމަން ރައިޓްސް ކޮމިޝަނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް