އޮޑިޓާ ޖެނެރަލްގެ މަގާމަށް ދއެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސެއިން ނިޔާޒީ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމައިފި އެވެ.
ކޮމިޓީން މިއަދު ވަނީ ނިޔާޒީ އާއި އިންޓަވިއުކޮށްފައި އެވެ. އޭނާއަށް ރުހުން ދޭން ނިންމާފައިވަނީ ކޮމިޓީގެ އިއްތިފާގުންނެވެ.
އަދި މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާއިރު އިރު އޭނާ އެމަގާމަށް އައްޔަން ކުރެވޭނީ މަޖިލީހުން ރުހުން ލިބިގެންނެވެ.
ހުސައިން ނިޔާޒީ އެސިސްޓެންޓް އޮޑިޓާ ޖެނެރަލެއްގެ މަގާމަށް އައްޔަންކުރީ 2011 ވަނަ އަހަރު އެވެ. އޭނާ އަކީ މިހާރު އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ފައިނޭންޝަލް އޮޑިޓް ސާވިސަސް ޑިވިޝަންގެ ވެރިޔާ އެވެ. އެ ޑިވިޝަނަކީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން ފައިސާ ހަރަދުކުރާ ގޮތުގެ އޮޑިޓްތައް ކުރާ ޑިވިޝަނެވެ.
އޮޑިޓް އޮފީހުގައި 15 އަހަރު ދުވަހަށް ވުރެ ދިގުުމުއްދަތެއްގައި މަސައްކަތް ކުރައްވާފައިވާ ނިޔާޒީ އަކީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ލައިސަންސިން އެންޑް ޑިސިޕްލިނަރީ ކޮމިޓީގެ ވެސް ޗެއާ އެވެ. އެ ކޮމިޓީގެ މެންޑޭޓަކީ ޕްރައިވެޓް ސެކްޓާ އޮޑިޓިންގެ ކަންތައްތައް ރެގިއުލޭޓްކުރުމެވެ. އޭނާއަކީ ޗާޓާޑް މެނޭޖްމެންޓް އެކައުންޓެންޓެކެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން ނެވެ. އެކަމަކު އެ ފައިސާ އެމްއެމްޕީއާރުސީގެ ފައިސާ ގޮތުގައި ލިބިފައިވާ ކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
ރައީސަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ހިޔާނާތުގެ ފައިސާ ނަންގަވާފައި ނުވާނެ ކަމަށާއި އެހެން ނަމަވެސް އިސްތިއުފާ ދެއްވީ ލިސްޓްގައި ނަން އޮތުމުން އޮޑިޓް އޮފީހުގެ ކަރާމާތް ގެއްލޭ ކަމަށް އަމިއްލަފުޅަށް ގަބޫލު ކުރައްވާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް