ހިޔާ ޔޫނިއަންއިން މިނިސްޓަރު އަސްލަމާއި ބައްދަލުކޮށްފި، ފްލެޓުތަކުގެ ކުލި ކުޑަވާނެ ކަމަށް ވިދާޅުވި!

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބިފައިވާ ފަރާތްތައް އެކުވެގެން އުފައްދާފައިވާ ހިޔާ ޔޫނިއަންއިން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ބައްދަލު ކޮށްފި އެވެ. އެ ބަ...

04 Jul 2021 | 12:28

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބިފައިވާ ފަރާތްތައް އެކުވެގެން އުފައްދާފައިވާ ހިޔާ ޔޫނިއަންއިން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ބައްދަލު ކޮށްފި އެވެ.

އެ ބައްދަލުވުމަށް ފަހު ޔޫނިއަންގެ ފަރާތުން މީޑިއާގައި ބުނީ އެންމެ ބޮޑަށް މަޝްވަރާ ކުރެވުނީ ކުލި ކުޑަކުރުމާއި ގުޅޭގޮތުން ކަމަސެވެ. އާމްދަނީ މަދުން ލިބޭ ފަރާތްތަކަށް ދައުލަތުން ސަބްސިޓީ ހަމަޖައްސައި ކުލި ކުޑަކޮށްދޭނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި މިނިސްޓަރު ދެއްވި ކަމަށެވެ.

ފްލެޓްތަކުން ކުނި އުކޭނެ ނިޒާމަކަށް ޔޫނިއަންއިން އެދިފައިވާ ގޮތަށް ގާބޭޗް ޝޫޓް ގާއިމް ކުރުމަށް އެކަން ކުރެވެން އޮތް ގޮތެއް ހޯދައި، ގާބޭޗް ޝޫޓް ޤާއިމް ކުރުމަށް މިނިސްޓަރު އެޗްޑީސީ އަށް އަންގަވާ، އެ މަސައްކަތް އަވަސް ކުރެއްވުމަަށް ދެންނެވި ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން ތިން މަސް ތެރޭގައި ފްލެޓުތަކުގެ ފިނިޝިންގް ނުނިންމޭ ފަރާތްތަކަށް ގްރޭސް ޕީރިއެޑް އިތުރުކޮށް ދޭނެ ކަމުގެ ޔަގީންކަން ދިން ކަމަށް ބުންޏެވެ.

އެގޮތުން ފިނިޝިން ނިންމަން ޕެންޝަން ފަންޑުން ފައިސާ ނެގޭގޮތެއް ހަދައި ނުވަތަ ބޭންކުތައް މެދުވެރިކޮށް15 އަހަރަށް ބަހާލައިގެން ލޯނު އަދާ ކުރާ ގޮތަށް ފްލެޓުތަކުގެ ފިނިޝިންގް އަށް ބޭނުންވާ ލޯން ހަމަޖެހޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަށް ބުނެ އެވެ.

މީގެ އިތުރުން ސޯޝަލް ހައުސިންގ ބެނެފެޝަރީސްގައި އެންސްޕާ ގައި ރަޖިސްޓްރީވެ، ހައުސިންގ ބެނެފިޓްސް އަށް އެދުމަށް ދެންނެވި ކަމަށާއި އެގޮތުން ބެނެފިޝަރީސްގެ ދަށުން ސަބްސިޓީ ލިބޭނޭ ކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވި ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެގްރީމެންޓްތަކުގައި ސޮއި ކުރާނީ ކޮންޓްރެކްޓަރ މަސައްކަތް ނިންމާ އެޗް.ޑީ.ސީ އާއި ޓަވަރުތައް ހަވާލުކުރާ ތަރުތީބުން ކަމުގައި ދެންނެވި ކަމަށް ވެސް ބުނެފައި ވެއެވެ.

ހިޔާ ފްލެޓުތަކަށް މިހާރު ދައްކަން ޖެހެނީ 7،500 ރުފިޔާ އެވެ. އަދި ފްލެޓުތަކުގެ ސާވިސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާ ދައްކަން ޖެހެ އެވެ.

ޖުމްލަ 8،500 ރުފިޔާ ކުލީގެ ގޮތުގައި ދައްކަން ޖެހޭތީ ގިނަ ބަޔަކު ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް