ރަހީނުކޮށް މަރާލި 13 އަހަރުގެ ކުޑަކުއްޖާ ޕޯސްޓްމޯޓަމް ހައްދަށް ރާއްޖެއިން ބޭރަށް ފޮނުވޭނެ ދުވަހެއް ނޭނގޭ ކަމަށް ފުލުހުން ބުނެފި އެވެ.
އެ ކުއްޖާ މަރާލުމަށް ފަހު ފޮއްޓަކަށް ލައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުމަތީ ފަރާތު މޫދުގައި އެއްލާލާފައި އޮއްވަ ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. މަރާލާފައި އޮއްވަ ފެނިފައިވަނީ އޭގެ އެއް ދުވަސް ކުރިން ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނިކޮށެވެ.
އެކުއްޖާގެ ހަށިގަނޑު ވަޅުލާލީ ޕޯސްޓްމޯޓަމް ހެއްދުމަށް ފަހު ކަމަށް އެ ދުވަހު ފުލުހުން ހާމަކުރި އެވެ. އަދި އެންމެ ލަސްވެގެން މިދިޔަ ހަފްތާ ތެރޭގައި ހަށިގަނޑު އިންޑިއާއަށް ފޮނުވާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އަދިވެސް ހަށިގަނޑު އޮތީ މޯޗަރީގައި ކަމަށެވެ. އެ ކުއްޖާގެ ހަށިގަނޑު ނުފޮނުވި ލަސްވަނީ އެކި އިދާރާތަކާއި ގުޅިގެން ނިންމަން ޖެހޭ ކަންކަން ހުރުމުން އެކަމަށް ވަގުތު ނަގާތީ ކަމަށް ވިދާޅުވި އެވެ.
އެކަމަށް ވަގުތު ހޭދަވަނީ ކޯވިޑާއި ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައި ހުރުމުން ކަމަށް ބެލެވެ އެވެ. ފުލުހުން ބުނީ މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ކަމަށެވެ.
އާންމުކޮށް ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ފޮނުވަނީ އިންޑިއާގެ ޓްރިވެންޑްރަމަށެވެ.
އެ ކުއްޖާ މަރާލި މައްސަލައިގަ މިހާތަނަށް ދެމީހަކު ވަނީ ހައްޔަރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް