މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރަނީ، ރާއްޖޭގެ އެހެން ސަރަހައްދެއް ވިޔަފާރި ބަނދަރު ހެދެން ނެތީމަތޯ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ސުވާލު އުފައްދަވައިފިއެވެ.
ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒުކުރުން ކަމަށާއި ގުޅި ފަޅުގައި އެ ބަނދަރު ތަރައްގީކޮށްފި ނަމަ އެ ކުރެވެނީ މަރުކަޒު ކަމަށެވެ.
https://twitter.com/ammadaysaud/status/1411589752969744385
"ސަރުކާރުގެ ސިޔާސަތަކީ ރާއްޖެ ސެންޓްރަލައިޒް ކުރުމުގެ ބަދަލުގައި ލާމަރުކަޒުކުރުން. ގުޅީފަޅުގައި ރަސްމީ ބަނދަރު ހެދުމުން ނަތީޖާއަކީ ސެންޓްރަލައިޒްވުން،ރާއްޖޭގެ އެހެން ސަރަހައްދެއް މި ބަނދަރު ހެދެން ނެތީތޯ؟" ސައުދުގެ ޓްވީޓްގައި ވިދާޅުވިއެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫއެއް ސަރުކާރުން ކުރިއަށް ގެންދާއިރު، އެ ސަރަހައްދު ހިއްކުމަށް ފަހު މާލެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ. ގުޅީފަޅު ޑްރެޖިން އެންޑް ލޭންޑް ރިކްލެމޭޝަން ޕްރޮޖެކްޓުގެ ދަށުން 6 މިލިޔަން ކިޔުބިކް މީޓަރުގެ ބިން ހިއްކާ ރިވެޓްމެންޓު ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖުމްލަ 20 މިލިޔަން ކިޔުބިކް މީޓަރުގެ ސަރަހައްދެއް އެޕްރޮޖެކްޓުގެ ދަށުން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
އެންމެ ފުރަތަމަ ގުޅީފަޅު ހިއްކާފައި ވަނީ 2010 ވަނަ އަހަރުގެ ތެރޭގައެވެ. އެފަހަރު ހިއްކީ 10 ހެކްޓަރެވެ. އެއަށްފަހު 2013 ވަނަ އަހަރު އިތުރު 20 ހެކްޓަރު ހިއްކާފައި ވެއެވެ. މިހާރު ކުރިއަށް ދާ ޕްރޮޖެކްޓުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ފަޅުން ގާތްގަނޑަކަށް 192 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.
ގުޅީފަޅު ހިއްކަން ވެލި ނަގަން ހަމަޖެހިފައި ވަނީ ގުޅީފަޅުން ފެށިގެން މާލެއާ ހަމައަށް އޮތް ކަނޑުގެ 13.75 އަކަ ކިލޯމީޓަރުގެ ސަރަހައްދަކުންނެވެ. އަދި އެ ސަރަހައްދު ހިއްކަނީ މާލެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުމަށެވެ. އެމަޝްރޫއަށް 300 މިލިއަނެއްހާ ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާކުރެވިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް