ބޮލީވުޑްގައި މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ގަނަޕަތް" އިން ނޯރާ ފަތޭހީ ބޭރުކޮށްފި އެވެ.
ޓައިގާ ޝްރޮފް ފިރިހެން ލީޑް ރޯލުން ފެނިގެންދާ އެ ފިލްމުގައި އޭނާ އަކީ ބޮކްސިން ކުޅޭ މީހެކެވެ. ފިލްމުގައި ޓައިގާ އާއި އެކު އަންހެން ދެ ލީޑް އެކްޓްރެސ ްފެނިގެންދާނެ ކަމަށް ކުރިންވެސް އޮތީ ހާމަކޮށްފައި އެވެ.
އޭގެ ތެރެއިން އެކަކީ ކްރިތީ ސެނޯން އެވެ. އަނެއް އެކްޓްރެސްގެ ގޮތުގައި ހަމަޖައްސަން މަޝްވަރާ ކުރެވި ވާހަކަ ދެކެވިފައި އޮތީ ނޯރާ އާއި ކަމެއް "ގަނަޕަތް" ގެ ޕްރޮޑަކްޝަން ޓީމުން ހާމަކޮށްފައެއް ނުވެ އެވެ.
އެކަމަކު އެ ވާހަކަ މީޑިއާއަށް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ތިލަވެފައި އެވެ. އަދި އެ ހަބަރާއި އެކު ނޯރާގެ ވާހަކަ ވަރަށް ގިނައިން މީޑިއާގައި ދެކެވި އޭނާގެ ޕްރޮމޯޝަންއެއް ކުރިޔަށް ދިޔަ ކަހަލަ ގޮތަކަށް ވި އެވެ.
އެކަމާއި ގުޅިގެން އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އިއްޔެ ވަނީ ނޯރާ ފިލްމުން ބޭރުކޮށްފައިވާ ކަމަށް ބުނެފައި އެވެ. އަދި މިހާރު އެމީހުން ވާހަކަ ދައްކަމުން ދަނީ ކްރިތީގެ ކޮއްކޮ ނޫޕޫރް ސެނޯން އާއި ކަމަށާއި އޭނާ ހަމަ ނުޖެހިއްޖެ ނަމަ އެ ރޯލުން ފެނިގެންދާނީ އާ އެކްޓްރެސްއެއް ކަމަށް ބުންޏެވެ.
އެ ފިލްމުގެ ޓީމުން ނޯރާ އާއި މެދު ހިތް ހަމަ ނުޖެހުނީ އެމީހުން ހާމަ ކުރުމުގެ ކުރިން ނޯރާގެ ޕީއާރު ޓީމުން ސިއްރުން އެ މައުލޫމާތު މީޑިއާ އާއި ހިއްސާ ކޮށް އޭނާގެ ތާއީދު އިތުރު ކުރުމަށް ޕްރޮމޯޝަން ޖެއްސިކަން ފަޅާ އެރުމުންނެވެ. އެ ޓީމުން ވަނީ ދެންވެސް ފިލްމެއް ލިބޭއިރަށް ނޯރާގެ ޓީމުން އެގޮތަށް މަސައްކަތް ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.
މި ފިލްމަކީ ވިކާޝް ބާލް ޑައިރެކްޓު ކުރާ ފިލްމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް