ކޮމިޓީ މަރުހަލާ ނިންމައި، ބޮޑެތި ބަދަލުތަކާއެކު ނަފުރަތުގެ ބިލް ތަޅުމަށް

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލް ދިރާސާކުރި ޖުޑީޝަރީ ކޮމިޓީން ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށ...

04 Jul 2021 | 05:51

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލް ދިރާސާކުރި ޖުޑީޝަރީ ކޮމިޓީން ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ކޮމިޓީ ރިޕޯޓް ތަޅުމަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުސައިން ހުށަހަޅުއްވާފައިވާ މިބިލް ދިރާސާކުރި ޖުޑީޝަރީ ކޮމިޓީން ވަނީ އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިޔުޓަރ ޖެނެރަލް އަދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ޚިޔާލު ހޯދާފައެވެ. މީގެއިތުރުން މިބިލަކީ އާންމުގެ މަސްލަހަތު ބޮޑު ބިލަކަށް ވުމުން އާންމުންގެ ޚިޔާލު ހޯދުމަށް ކޮމިޓީން ނިންމިކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ. އެގޮތުން ހުޅުވާލި ފުރުސަތުގައި ގާތްގަނޑަކަށް 2462 ޚިޔާލު އާންމުންގެ ފަރާތުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ކޮމިޓީއަށް ލިބިފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ.

މިހުރިހާ ފަރާތްތަކުގެ ޚިޔާލާއެކު ކޮމިޓީން ވަނީ މިބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ވަކިވަކި މާއްދާތަކަށް ވަނީ ބަދަލުތައް ގެނެސްފައެވެ.

ކޮމިޓީން ގެނައި ބަދަލުތަކުގެ ތެރޭގައި، ބިލްގެ 124 ވަނަ މާއްދާގެ ހ ގެ 1 ވަނަ ނަންބަރުގެ 1 ވާ "އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުން" މި އިބާރާތް "ދީނީ ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުޢޫރަކުން، ނުވަތަ ކުރި ޢަމަލަކުން، އެމީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް ނުވަތަ އެފަދަ މާނައިގައި ޢާންމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތުކުރުން." މި ގޮތަށް ބަދަލުކުރުމާއި ބިލްގެ 124 ވަނަ މާއްދާގެ ހ ގެ 1 ވަނަ ނަންބަރުގެ 2 އޮތް "އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފުރަތު އުފެއްދުން" މި އިބާރާތަށް އިސްލާޙު ގެނެސް "މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ ޢަމަލެއް ނުވަތަ ބަހެއް ޤަޞްދުގައި ފާޅުނުކުރާހާ ހިނދަކު، ނުވަތަ ޤަޞްދުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު، ޢާންމު ތަނެއްގައި، އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ނުވަތަ އެފަދައިން ތުހުމަތުކުރުމުގައި ނުވަތަ ސިފަކުރުމުގައި ބައިވެރިވުން." މި ގޮތަށް ވަނީ ބަދަލު ގެނެެސްފައެވެ.

ކޮމިޓީން ވަނީ މިމާއްދާގެ 3 އަދި 4 ވަނަ ނަންބަރު އުވާލާފައެވެ. އެމާއްދާތަކުގައި ބުނެފައިވަނީ ޢާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގައި ތުހުމަތުކުރުމެވެ.

މި ބިލުގައި، "އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 617 ވަނަ މާއްދާގެ ހ ގައި ކަނޑައަޅާފައިވާ ކުށެއްކުރާ މީހާއަށެވެ.

"ޢާންމު ތަނެއް" ކަމަށް ބުނެފައި އެވަނީ، ޢާންމުން ހިނގާ ބިނގައިވާ ތަންތަނާއި، އެތަނަކަށް ޢާންމުން އައިސް އަދި އެނބުރި ގޮސް އުޅޭ ތަންތަނާއި، ޢާންމުން މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ނުވަތަ އެކި ބޭނުންތަކުގައި އެއްވެ އުޅެވޭ ގޮތަށް ހުންނަ ތަންތަނާއި، ކަނޑައެޅިފައިވާ އަގެއް ދައްކައިގެން ނުވަތަ ދައުވަތެއް ދީގެން ނުވަތަ އެނޫންވެސް ގޮތަކުން ޢާންމުންނަށް ވަދެވޭގޮތަށް ނުވަތަ ބައިވެރިވެވޭގޮތަށް ހުންނަ ތަންތަނާއި، ރޭޑިއޯ، ޓެލެވިޜަން ނުވަތަ އިންޓަރނެޓާއި ޓެކްނޮލޮޖީ މެދުވެރިކޮށް ޢާންމުކޮށް މަޢުލޫމާތު ފޯރުކޮށްދޭ ނުވަތަ ޢާންމުންނަށް ބައިވެރިވެވޭ ފޯރަމްތަކާއި، ޚަބަރާއި މަޢުލޫމާތު ޢާންމުކުރާ އެހެނިހެން ވަސީލަތްތަކަށެވެ.

"ކުފުރުގެ ޢަމަލު" ނުވަތަ "ކުފުރުގެ ބަސް" ކަމަށް ބުނެފައި އެވަނީ، ދީނީ ޢިލްމުވެރިންގެ މެދުގައި، އެއީ ކުފުރުގެ ޢަމަލެއް ނުވަތަ ކުފުރުގެ ބަހެއް ކަމާމެދު ޚިލާފެއް ނެތް ޢަމަލަށާއި ބަހަށެވެ.

"މުރުތައްދުވުން" ކަމަށް ބުނެފައި އެވަނީ، ދީނީ ޢިލްމުވެރިންގެ މެދުގައި، މުރުތައްދުވުމުގެ ޢަމަލެއްކަމާމެދު ޚިލާފެއް ނެތް ޢަމަލެއް ކުރުމަށެވެ.

ކުރިޔަށް މިއޮތް ހަފްތާ ތެރޭގައި މިބިލް ފާސްކުރާނެ ކަމަށް ބެލެވެއެވެ. ޖޫން މަހުގެ ނިޔަލަށް ނިމެން އޮތް މިދައުރުގެ ޖަލްސާތައް ވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހާ ހަމަައަށް ދިގު ދަންމާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް