މަސްތަކެއްގެ މެދުކެނޑުމަކަށްފަހު ކޮވިޝީލްޑް ޖަހަން ފަށަނީ

ކޯވިޑް-19އިން ދިފާޢުވުމަށް އިންޑިއާ އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން 2 ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް ވެކްސިން ދިނުން ފެށުމަށް ހެލްތު ޕްރޮޓެކްޝަނ...

04 Jul 2021 | 04:35

ކޯވިޑް-19އިން ދިފާޢުވުމަށް އިންޑިއާ އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން 2 ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް ވެކްސިން ދިނުން ފެށުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ތައްޔާރުވެފައިވާކަމަށް (އެޗް.ޕީ.އޭ)އިން ބުނެފިއެވެ.

އެޗް.ޕީ.އޭއިން ބުނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުން ކުރިއަށްދާނީ އެޕޮއިންޓްމަންޓް އުޞޫލުން ކަމަށެވެ. އެޕޮއިންޓްމަންޓް ދޫކުރުމަށް ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ވެކްސިން ޖެހި މީހުންނަށް އިސްކަންދީގެނެވެ.

އެގޮތުން މިއަހަރުގެ ފެބްރުއަރީމަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް މިމަހުގެ 4 ވަނަ ދުވަހު ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗް.ޕީ.އޭއިން ގުޅަމުންދާނެއެވެ. އަދި އެޕޮއިންޓްމަންޓް ލިބޭ ހުރިހާ ފަރާތްތަކުންވެސް ކަނޑައަޅާފައިވާ ސެންޓަރަށް ގަޑިއަށް ވަޑައިގެންދެއްވުމަށް ސަމާލުވުމަށް އެޗް.ޕީ.އޭއިން ވަނީ އެދިފައެވެ. ކޮވިޝީލްޑްގެ ދެވަނަ ޑޯޒް މިފަހަރު ދޭން ހަމަޖެހިފައިވަނީ ހަމައެކަނި އެޕޮއިންޓްމަންޓް ހަދައިގެންކަމަށްވެސް އެޗް.ޕީ.އޭއިން ހާމަކުރައްވާފައިވެއެވެ.

ވެކްސިން ޖަހަންދާއިރު އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަކާއި، ވެކްސިން ކާޑު ގެންދަންޖެހޭނެއެވެ. އަދި އެ މީހަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތް އަދި ކަރަންޓީނުގައި ހުރި މީހަކަށް ވެގެންނުވާއެވެ. ކޮންމެ މީހަކުވެސް ވެކްސިން ޖަހަންދާއިރު ގަޔަށްދޫ، ވެކްސިން ޖެހުމަށް ފަސޭހައިން ކޮނޑު ދެއްކޭނެ ހެދުމެއް ލައިގެން ދިއުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ރަނގަޅަށް ކައިގެން ދިއުމަށާއި، އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް ސަމާލުވުމަށްވެސް އެ އެޖެންސީން އެދިފައިވެއެވެ.

ރާއްޖޭގައި ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިން ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. ދުނިޔޭގެ ބާޒާރަށް ކޯވިޑާގުޅިގެން ނެރުނު ވެކްސިންތަކުގެ ތެރެއިން ރާއްޖޭގައި ހުއްދަދެވިގެން އެންމެ ފުރަތަމަ ޖަހަންފަށާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. އަދި ރާއްޖޭގައި އެންމެ ގިނަ ބަޔަކު މިހާތަނަށް ޖަހާފައިވަނީވެސް މި ވެކްސިނެވެ. ނަމަވެސް ކޮވިޝީލްޑް ވެކްސިންގެ އިތުރު ޝިޕްމަންޓްތައް ހޯދުމުގައި ކުރިމަތިވި ދަތިތަކާއެކު ރާއްޖޭގައި މި ވެކްސިން ޖެހުން މެދުކަނޑާލާފައިވަނީ މިދިޔަ މެއިމަހުގެ ތެރޭގައެވެ.

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖަހަން މިފަށަނީ ގާތްގަނޑަކަށް 2 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް