ސޯޝަލް ސެންޓަރު ކަރިއިން ބޮޑުތަކުރުފާނު މަގުގައި ތިން ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މަންޒަރު ދުއްމީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓްވި ތިން ސައިކަލްގެ ތެރެއިން ދެ ސައިކަލުގައިތިބި ތިން މީހަކަށް އެކި ވަރުގެ އަނިޔާވެފައިވާއިރު އެއް ސައިކަލުގައި ތިބި ދެމީހަކު މަޑުނުކޮށް ދިޔައީ ކަމަށެވެ. އަދި ޒަހަމްވި ދެމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެކެއްގެ އަނގަމަތި ޗިސްވެ ވަރަށްބޮޑަށް ބޯ ފަޅައިގެން ގޮސްފައިވާއިރު އެމީހާ އޮތީ ހޭނެތިފައިކަމަށްވެސް މަންޒަރު ދުއް މީހާ ކިޔައިދިނެވެ.
"އެއްކޮޅުން އައީ ދެ ސައިކަލު، އަނެއްކޮޅުން އެއް ސައިކަލު، ތިން ސައިކަލު އެކުގައި ކަހަލަގޮތަކަށް ޖެހުނީ، އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު ތިބި ސައިކަލު މަޑު ނުކޮށް ދިޔައީ، އެއް ސައިކަލުގައި ތިބި ދެމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައީ، ހޮސްޕިޓަލަށް ގެންދިޔަ އެކަކު ހޭނެތިފައި އޮތީ" މަންޒަރު ދުއްމީހާ ކިޔައިދިނެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ އެކްސިޑެންޓް ހިނގީ 12:23 ހާއިރު ކަމަށާއި ދެމީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އެކްސިޑެންޓް ހިނގި ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް