ލ. ގަމުން މަސް ހިފަން ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަމުން ދަނިކޮށް ރަށުގެ ފަޅު ތެރެއިން ފެނިއްޖެއެވެ.
ދުވަހަށް މަޢުލޫމާތުދެއްވަމުން ގަމު ކައުންސިލް ރައީސް އަހުމަދު ޒަކީ ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ ފަރާތް މިހާރު ފެނިފައިވާކަމަށާއި އޮތީ މޫދު އަޑީގައި ނިޔާވެފައި ކަމަށެވެ.
ގެއްލިގެން ހޯދަމުންދިޔައީ އެ ރަށު ތުނޑީ އަވަށު، ފެސްފަރީ، އުމުރުން 65 އަހަރު، އަބްދުލްސަމަދު މުހައްމަދެވެ. މިއަދުގެ ހެނދުނުގެ ވަގުތެއްގައި ސަމަދު ގެއްލުނީ އެ ރަށާ ކައިރީގައި އެއް ފަޅެއްގައި އޮންނަ މަހަކަންފުއްޓަށް ބަޔަކާއެކު މަސް ހިފަން ގޮސް އުޅުމުގެ ތެރޭގައެވެ.
"އެކުގަ ދިޔަ މީހުންނަށް ސަމަދުގެ ޚަބަރެއްނުވެގެން ރަށަށް އައިސް ރަށު މީހުންނަށް އެކަން އެންގީ، ރަށުން ޑިންގީތަކުގަ މީހުން ގޮސް ހޯދަމުގެ މަސައްކަތް ކުރަމުންދަނިކޮށް، ސަމަދުމެން މަސް ހިފަން ފޭބި ސަރަހައްދުގެ މޫދު އަޑިން ފެނުނީ، އޮތީ ނިޔާވެފައި" ކައުންސިލް ރައީސް ވިދާޅުވިއެވެ.
ސަމަދު ގެއްލިގެން ހޯދަމުންދިޔަކަން ހެނދުނު 10:00 ހާއިރު އިޢުލާނުކޮށްފައިވެއެވެ. އަދި ސަމަދު ހޯދުމުގައި ރައްޔިތުންގެ އެހީތެރިކަމަށް އެދިފައިވެއެވެ.
މިކަމުގައި ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް