ރޭގައި ހުޅުމާލޭ ފޭސް ދޭއްގެ ޓަވަރަކަށް މީހަކު ގެންގޮސް ފޭރުނު ފަހުން އާންމުން ނިކުމެ ހަވަރަށްދީ ފުލުހުންނާއި ހަވާލުކުރި ހަތަރު މީހުން، މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނުކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ރޭގައި ހިނގި އެ ހާދިސާއަކީ ހިޔާ ފްލެޓަކުން ރޫމެއް ކުއްޔަށްދޭކަމަށްބުނެ މީހަކު އެ ރޫމަށް ގެންގޮސް ތިން މީހަކުވެގެން އެމީހާ ހިފަހައްޓައި ބަރަހަނާކޮށް ބްލެކްމެއިލްކޮށް ފޭރުނު ފަހުން، މި އަނިޔާގެ ޝިކާރައަކަށްވި މީހާއި އިތުރު ބަޔަކު އެ ފްލެޓަށްގޮސް އެ ފްލެޓްގައި ތިބި ހަތަރު މީހަކު އެ ފްލެޓުން ނެރެ ހަވަރަށް ދިނީއެވެ. ފަހުން ފުލުހުން އައިސް އެ ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ H1 ޓަވަރު ކައިރީގައި މީހަކު އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭކަމުގެ ރިޕޯޓް ލިބުނު ކަމަށެވެ.
"މި މަޢުލޫމާތާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމުން ހިފަހައްޓާފައިތިބި މީހުން އެހެން މީހެއްގެ އަތުން އެކި ފަހަރުމަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާކަމަށް މަޢުލޫމާތު ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކުރި ކަމަށާއި އެއީ 32 އަހަރުގެ ދެމީހަކާއި 36 އަހަރުގެ މީހެއްގެ އިތުރުން 45 އަހަރުގެ މީހެއް ކަމަށެވެ. އަދި އެ ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް