ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕު 2023 ގައި ބައިވެރި ވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު އެ ހޮސްޕިޓަލުން ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ކޭމްޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޯގަސްޓު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އަދި ނަން ނޯޓުކުރުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ 25 ވަނަ ދުވަސް ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ހިތާނީ ކޭމްޕްގައި ހަތް ޑޮކްޓަރުން ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން، ޑރ. ހުސެއިން ހަދިޔެވް، ޑރ. އުކަތަމް އަބްދުއްލާޔެވް، ޑރ. އަބްދުﷲ އުބައިދު، ޑރ. އިބްރާހިމް މޫމިން، ޑރ. މައުމޫން އާސިމް، ޑރ. މުހައްމަދު ޝަރީފްގެ އިތުރުން، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު، ޑރ. މެހްމެތު އޮޑަ ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.
ޓްރީ ޓޮޕްއިން ބުނީ، އެ ހޮސްޕިޓަލުގެ މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ މެހެމާނުންނަށް އެންމެ ފުރަތަމަ ކޮންސަލްޓޭޝަން އިން ފެށިގެން ފޮލޯ-އަޕް އާއި ހަމައަށް އެންމެ ފުރިހަމަ އަދި ފަސޭހަކަމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
ހިތާނީ ޕެކޭޖްގެ ޚިދުމަތް ހޯދާ މީހުން ދައްކަން ޖެހޭނީ 5000 ރުފިޔާއެވެ. އަދި, ކޮޓަރި އަޕްގްރޭޑް ކުރުމަށް ބޭނުންވާނަމަ ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ވަނީ ހަމަޖެހިފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް ކިއު އާރް ކޯޑް ސްކޭން ކުރަށްވާ ނުވަތަ އެ ހޮސްޕިޓަލުން ފޯރުކޮށްދީފައިވާ ލިންކް ބޭނުން ކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް