ރ. އަތޮޅުގައި އަޅާ ތިންވަނަ އެއާޕޯޓް އަޅާނީ ބެރިޔަންފަރުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާނު ކުރެއްވީ އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މިކަން ހާމަކުރައްވާފައިވާއިރު ރ. އަތޮޅުގައި މިހާރު ދެ އެއާޕޯޓެއް އޮވެއެވެ. އެއީ އަލިފުށީ އެއާޕޯޓާއި އިފުރު އެއާޕޯޓެވެ. ތިންވަނަ އެއާޕޯޓެއް އަޅާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން އިއުލާނުކޮށްފައިވެއެވެ. އެހެންނަމަވެސް އެ އެއާޕޯޓް އަޅާނެ ވަކި ރަށެއް މިހާތަނަށް އޮތީ އިއުލާނު ނުކޮށެވެ.
ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމުގެ ވައުދަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ވައުދެކެވެ. މި ވައުދު ސަރުކާރުން ވެފައިވަނީ އިފުރު އެއާޕޯޓްގެ ފަސޭހަކަން ރ. އަތޮޅުގެ ދެކުނު ބިތުގެ ގިނަ ރަށްރަށަށް ނުލިބޭކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް