މީހުން ދިރިއުޅޭ ހަތަރު ރަށެއްގައި އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން އައިސް އުފައްދާ ޕްލާންޓްތަކެއް ގާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކާއި އެކު ސޮއި ކޮށްފިއެވެ.
މިކަން ހާމަކޮށް އެންވާރްމަންޓް މިނިސްޓްރީން ބުނީ ރާއްޖެއިން އިއުލާނުކޮށްފައިވާ ކާރބަން ނެޓް-ޒީރޯ 2023 ގެ ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން ނ.ލަންދޫ، ތ.ބުރުނީ، ތ.މަޑިފުށި އަދި ތ.ވިލުފުށީގައި ކޮމިއުނިޓީ އައިސްޕްލާންޓުތަކެއް ޤާއިމުކޮށްދޭނެ ފަރާތެއް ކަނޑައަޅައިފައިވާ ކަމަށެވެ.
އަދި މިއަދު މިމަސައްކަތް ކުރުމަށް ހޮވުނު ފަރާތް ކަމުގައިވާ ޗައިނާގެ "އިންސްޓެކް އިމްޕޯރޓް އެންޑް އެކްސްޕޯރޓް ކޮމްޕެނީ ލިމިޓެޑް" އާއެކު ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
މި މަޝްރޫޢުގެ ދަށުން ނ.ލަންދޫ، ތ.މަޑިފުށި އަދ ތ.ވިލުފުށި، މިއިން ކޮންމެ ރަށެއްގައި 15 ޓަނުގެ އައިސްޕްލާންޓް، 30 ޓަނުގެ ސްޓޯރޭޖާއެކު ޤާއިމު ކުރެވޭނެއެވެ.
ހަމައެހެންމެ ތ.ބުރުނީގައި 5 ޓަނުގެ އައިސް ޕްލާންޓް، 15 ޓަނުގެ ސްޓޯރޭޖާއެކު ޤާއިމުކުރެވޭނެއެވެ.
އެންވާރްމަންޓް މިނިސްޓްރީން ބުނީ މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ ކޮންޓްރެކްޓް އިފެކްޓިވްވާ ދުވަހުން ފެށިގެން 240 ދުވަސް ކަމަށާއި މި މަސައްކަތް ހަވާލުކޮށްފައި ވަނީ 1،773،242.93 (އެއްމިލިއަން ހަތްލައްކަ ހަތްދިހަ ތިންހާސް ދުއިސައްތަ ސާޅީސް ދެ އެމެރިކާ ޑޮލަރު ނުވަދިހަ ތިން ސެންޓް) އަށް ކަމަށެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން އެވެ. މި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި އެމިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަދި މި ރަސްމިއްޔާތުގައި އައިސްޕްލާންޓް ޤާއިމުކުރާ 04 ރަށުގެ ކައުންސިލް މެމްބަރުންނާއި އަދި ތ.އަތޮޅު ކައުންސިލުގެ ރައީސް ބައިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް